ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މައިތަނބުތަކާއި މާލޭ ކޮޅުން ގުޅާލަންޖެހޭ ތަނބުތައް ގުޅާ ނިންމާލައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖުގައި މައި ތަނބާ މަލޭ ކޮޅުން ގުޅާލަން ޖެހޭ ހުރިހާ ތަނބެއް ކޮންކްރިޓު ޑެކުން ގުޅާލާ ނިމިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބްރިޖުގައި މައި ތަނބާއި މާލެ ކޮޅު ގައި 540 މީޓަރުގެ ދިގު ރާސްތާއެއް ހުންނާނެ ކަމަށެވެ.
ހީކުރި ވަރަށްވުރެ އަވަހަށް ބްރިޖުގެ މަައްކަތް ނިންމޭނެ ކަމަށް ކަނޑައަޅާފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ވަނީ ބްރިޖުގެ މައި ދެ ތަނބުވެސް ގުޅާލާފައި އެވެ. އެއީ ބްރިޖުގެ މައި ތަނބުތަކުގެ ތެރެއިން ސުޕާ ސްޓްރަކްޗާ އާއި ގުޅާ ލެވުވު ފުރަތަމަ ދެ ތަނބު ކަމަށްވާ 22 ވަނަ ތަނބާއި 23 ވަނަ ތަނބެވެ.
ބްރިޖުގައި ހަތް ތަނބު ހުންނަ އިރު ގުޅާލުމަށް ބިޔަ 35 ހޮޅި ޖަހާފައި ހުރެ އެވެ.
ބްރިޖުގެ މަޝްރޫއަށް 200 މިލިއަން ޑޮލަރު ހަރަދުވާ އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އިތުރު 72 މިލިއަން ޑޮލަރު ލޯނު އެހީގެ ގޮތުގައި ޗައިނާ އިން ދޭ އިރު، ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދު ކުރެ އެވެ.
ބްރިޖުގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ބުނި ނަމަވެސް މިހާރު ބުނެފައިވަނީ ހުރިހާ މަސައްކަތެއް ނިންމާ މިއަހަރުގެ ޖުލައި 26 ށް ބްރިޖު ހުޅުވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް