ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލް

ރޯމާގެ އޮލިމްޕިކޯ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުން 4-2 އިން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ލިބި ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ. އެގްރިގޭޓް ނަތީޖާ ...

03 May 2018 | 02:11

ރޯމާގެ އޮލިމްޕިކޯ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުން 4-2 އިން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ލިބި ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ. އެގްރިގޭޓް ނަތީޖާ 6-7 އިން ލިވަޕޫލަށް ކުރި ލިބުނުއިރު ފައިނަލްގައި އެ ޓީމު ވާދަކުރާނީ މުބާރާތުގެ އެންމެ ފަހުން 2 އަހަރުގެ ވެސް ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި 5-2 އިން މޮޅުވެފައި އޮވެ ރޭގެ މެޗާ ކުރިމަތިލިއިރު، ރޯމާ ދަނޑުގައި އެ ޓީމުން ވަނީ މެޗުގެ ކުރީ ކޮޅު ލަނޑު ވެސް ޖަހާފައެވެ. ނަމަވެސް މެޗުގެ ފަހު ބައިގައި ރޯމާއިން ޖެހި ލަނޑުތަކާއެކު އެ ޓީމުން ލިވަޕޫލް ހާސްކޮށްލިއެވެ. އެހެނަސް، ބާސެލޯނާގެ މައްޗަށް ހޯދިފަދަ ކާމިޔާބީއެއް މިފަހަރު ރޯމާއަށް ހޯދޭގޮތެއް ނުވިއެވެ.

މިއީ 2007 ވަނަ އަހަރުގެ ފަހުން ލިވަޕޫލްއަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. އަދި އެ ޓީމު ޗެމްޕިއަންސް ލީގުގައި ކުޅޭނެ 8 ވަނަ ފައިނަލެވެ.

ރޭގެ މެޗުގައި ރޯމާގެ މިޑްފީލްޑަރ ނައިންގޮލާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 9 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ވަނީ ލަނޑު ޖަހައި، ލިވަޕޫލްއަށް ލީޑް ނަގައިދީފައެވެ.

ލިވަޕޫލްގެ ލަނޑަށްފަހު މާކަ ގިނައިރުތަކެއްނުވެ ޖޭމްސް މިލްނާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވިއެވެ. އެހެނަސް، މެޗުގެ 25 ވަނަ މިނިޓުގައި ޖިއޯޖީނޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އަނެއްކާ ވެސް ލީޑު ނަގައި ލިވަޕޫލުން ހަމަޖެހިލިއެވެ.

ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު އެޑިން ޖެކޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ރޯމާއިން އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރިއެވެ.

މެޗުގެ ފަހުކޮޅު ނައިންގޮލާން ދެ ލަނޑު ޖެހިއިރު (ފަހު ލަނޑު ޕެނަލްޓީއަކުން)، އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ. އެހެނަސް، ކުއާޓާ ފައިނަލްގައި ފަހަތުން އަރާ ބާސެލޯނާގެ މައްޗަށް ހޯދި ކާމިޔާބީ ތަކުރާރެއް ނުކުރެވުނެވެ.

ޔޫރަޕްގައި އެންމެ ކާމިޔާބު އިނގިރޭސި ކްލަބް ލިވަޕޫލް އިން 6 ވަނަ ތަށި ހޯދަން ނުކުންނައިރު، އެކަމަށް އޮތް ހަމައެކަނި ހުރަހަކީ ޖެހިޖެހިގެން 3 ވަނަ ތަށްޓަށް އަމާޒު ހިފާފައިވާ ރެއާލް މެޑްރިޑެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް