ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްއެއް ށ. މިލަންދޫގައި ހުޅުވައިފި އެވެ.
ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާ ކުރުން އަދި ޗެކު ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އޭޓީއެމް ހުޅުވައިދެއްވީ ޑިރެކްޓަރު އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރްނައިން ބިން ތަމަން އެވެ. މި ރަސްމިއްޔާތުގައި ޒުލްގަރްނައިން ވިދާޅުވީ މިލަންދޫގައި ހުޅުވިގެން ދިޔަ އޭޓީއެމް އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
"އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމްއަކާއެކު މިލަންދޫގެ އާބާދީއަށް މިހިދުމަތް ފޯރުކޮށްދޭން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނެފައިވަނީ 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް އިންޓަނެޓް ބޭންކިންގެ ހިދުމަތް ދެމުންދާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް