ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝިދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ތަގުގީގަށް ލިބެމުންދާ ކުރިއެރުމަށް ބަލާއިރު ޔާމީން ގާތިލުން ހޯދޭނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. އެގޮތުން ޔޫރަޕާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ސާމްޕަލްތައް ފޮނުވިގެން ތަހުލީލުތައް ކުރެވެމުން އަންނަ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި މިއަދުވެސް ވަނީ ތަހުގީގަށް ހުރަސް އެޅޭފަދަ ވާހަކަ ނުދެއްކުމަށް ގޮވާލާފައި އެވެ. އެގޮތުން ތަހުގީގު ފޯކަސް ބަދަލުކޮށް އެހެނިހެން މަގުސަދު ހިމެނޭ ގޮތަށް ވާހަކަ ދެއްކުމުގެ ސަބަބުން ގާތިލުންނަށް ފިލުމުގެ ފުރުސަތު ފަހިވާނެ ކަމަށް ބުނެފައިވެ އެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:50 ހާއިރު އޭނާ ދިރިއުޅުނު މ. ސްޕެކިއުލާ ގޭ ސިޑިގޮޅިންނެވެ.
ފުލުހުން ޔާމީންގެ މަރާ ގުޅޭގޮތުން ބަޔާނެތް ނެރެފައިމިވަނީ ފުލުހުންގެ ފަރާތުން ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ޔާމީންގެ ބައްޕަ ހުސައިން ރަޝީދު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވަނިކޮސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް