ނޫސްވެރިކަމުގެ މިނިވަންކަން ހައްދުން ނެއްޓުމަކީ އޮތް އެންމެ ބޮޑު ގޮންޖެހުން: މުއާޒް

ނޫސްވެރިކަމުގެ މިނިވަންކަން ހައްދުން ނެއްޓުމަކީ މިހާރު ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމު...

03 May 2017 | 09:12

ނޫސްވެރިކަމުގެ މިނިވަންކަން ހައްދުން ނެއްޓުމަކީ މިހާރު ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން މީގެ އަހަރުތަކެއް ކުރިން ފެށިގެން އޮތީ ހައްދުން ނައްޓާފައި ކަމަށާއި، މިއަދު ނޫސްވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހައްދުން ނެއްޓުނު ނޫސްވެރިކަމުގެ މިނިވަންކަން ހަގީގީ މިނިވަންކަމުގެ ތެރެއަށް ހެޔޮވަރު ކުރުން ކަމުގައެވެ.

ނޫސްވެރިކަމގެ ތެރެއިން މީހުންގެ އަބުރާއި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައި ކަމަށްވެސް މުއާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މާޒީގައި ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ދެވިފައިވާ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށް މިނިވަން ނޫސްވެރިކަމަށް މުއާޒް ވަނީ މަރުހަބާ ކިޔާފައެވެ.

މެއި މަހުގެ ތިންވަނަ ދުވަސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ އިރު، ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތް ކުރާ ހުރިހާ ފަރާތަކަށް ރައީސް އަބްދުﷲ ޔާމީން އަރިސްކުރައްވާ ކަމަށްވެސް މުއާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް