ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި މައްޗަން ގޯޅި އުތުރު ދާއިރާއަށް ވާދަކުރާ އާނިމް އަބްދުލްގަފޫރު ބަންދުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ހައި ކޯޓުގައި އެދުމަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ދައުލަތުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ މާޗްމަހު ކާނިވާ ތެރޭގައި ހިންގި މާރާމާރީއެއްގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ވަނީ އެމީހުން ދޫކޮށްލުމަށް ހުކުމް ކޮށްފައި އެވެ.
އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު މިއަދަށް އަޑު އެހުން ތާވަލްކޮށްފައި ވަނިކޮށް މައްސަލަ އަނބުރާ ގެންދިޔައީ އާނިމް ބަންދުގައި ބަހައްޓަން ބޭނުން ނޫންކަމަށް ފުލުހުން އެންގުމުން ކަމަށް ޕީކީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވެ އެވެ.
ހަމަ އެ މައްސަލައިގަ އާނިމްގެ އިތުރުން އެހެން ބަޔަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުވެސް ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.
އާނިމްގެ މައްޗަށް 2013 ވަނަ އަހަރު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައެއްގައި މީގެ ކުރިން ދައުވާ ކުރި އެވެ. އެކަމަކު އެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް