މިނިވަން ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭންޖެހޭ: އެޗްއާރުސީއެމް

މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ ދައުލަތާއި މުޖުތައުއިން ކޮށްދޭން ޖެހޭ ކަމެއް ހިއުމަން ރައިޓްސް އޮފް ދި މޯލްޑިވްސް އިން ގޮވާލައިފި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހ...

03 May 2017 | 08:18

މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ ދައުލަތާއި މުޖުތައުއިން ކޮށްދޭން ޖެހޭ ކަމެއް ހިއުމަން ރައިޓްސް އޮފް ދި މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެފަދަ ގޮތަކަށް ގާނޫނުތައް ތަންފީޒު ކޮށްދިނުމަކީ ކަމާ ބެހޭ އިދާރާތަކުން ކުރަން ޖެހޭ ކަމެއްކަމަށެވެ. އަދި ނޫސްވެރިންނަށް ބޭނުންވާ ތައުލީމާއި  ތަމްރީން ގެ ފުރުސަތުތަކެއް ފަހި ކޮށްދިނުމުގައި ހުރިހާ މުއައްސަސާތަކެއް ހަމަ ހަމަކަމާއި އަމަލު ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން މިދިޔަ އަހަރު ވެސް މީޑިއާތަކަށް އިންޒާރުދިނުމާއި ބިރުދެއްކުން އަދި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ލާއިންސާނީ އަމަލުތައް ހިންގިކަމަށް ބުނެ މައްސަލަތައް ހުށަހެޅި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އެ މައްސަލަތައް ބަލައި ވީހާވެސް އަވަހަކަސް ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމްއިން ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.

"ނޫސްވެރިންނާ ދެކޮޅަށް ހިންގާ އެންމެހާ ބިރުދެއްކުމުގެ ޢަމަލުތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ފަރާތްތަކުގެތަޙްޤީޤު އަވަސްކޮށް، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދެވޭކަން ކަށަވަރުކުރުމަށް ގޮވާލަން،" ބަޔާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމައުގެ އަހުލާގީ މިންގަނޑު ހިފަހެއްޓުމާއި އަނެކާގެ ހައްގުތަކަށް އަހުތިރާމުކުރުމަށް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް