ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެ މައްސަލައިގާ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާގޮތުގައި މި މައްސަލައިގާ ދެވަނަ މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެއީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި ހައްޔަރުކޮށްފައިވާ މީހާއަކީ އަމިއްލަ މަސައްކަތް ކޮށް އުޅޭ މީހެއް ކަމުގައިވެސް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
މި ހަބަރުގެ ތެދު ދޮގު ކަށަވަރު ކުރުމަށް ފުލުހުންގެ މީޑިއާ އޮފިސަރަކަށް ގުޅާލުމުން ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައިގާ ހަމަ އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގާ ރޭގެ ވަގުތެއްގައި މީހަކު ހައްޔަރު ކޮށްފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާއިރު މި މައްސަލައާއި ގުޅިގެން މީގެ ކުރިންވެސް މީހަކު ހައްޔަރު ކޮށްފައި ވެ އެވެ. ކުރިން ހައްޔަރު ކޮށްފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ އޭޕެރީލް 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް