ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ކުޑައީ "އޯ" ގްރޫޕު ލޭ ހުންނަ މީހުންނަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ނެދަލޭންޑުގެ ޔުނިވާސިޓި މެޑިކަލް ސެންޓަރު ގްރޯނިންގެން އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހިތުގެ ބަލިތަކަށް ޝައްކު ކުރެވޭ ގިނަ އަލާމާތްތައް ފެންނަނީ ލޭގެ ގްރޫޕު "އޯ" ފިޔަވަ އެހެން ގްރޫޕުތަކުގެ ލޭ ހުންނަ މީހުންގެ ގައިން ކަމަށެވެ. މި ދިރާސާގައި އެ ސެންޓަރުން ވަނީ ހިތުގެ ތަފާތު ބަލިތައް ހުންނަ 13 ލައްކަ މީހުން ބައިވެރިކޮށްފައި އެވެ.
އެ ދިރާސާގައި ބުނެފައިވަނީ އޭގެ ތެރޭގައި މުޅިން ހެން ހިމެނެނީ ލޭ ގްރޫޕް "އޯ" ނޫން މީހުން ކަމަށާއި ވަކި ވައްތަރެއްގެ ލޭގެ ގްރޫޕު ހުންނަ މީހުންނަކީ ވަކިވަކި ބަލިތަކެއް ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އެގޮތުން "އޭ" ގްރޫޕު ލޭ ހުންނަ މީހުންނަކީ ކޮލެސްޓްރޯލް މަތި މީހުންކަން އެ ދިރާސާއިން ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި އެހެން ލޭގެ ގްރޫޕުތައް ހުންނަ މީހުންގެ ހަކުރު މައްޗަށް ގޮސްގެން ހާޓް އެޓޭކު ޖެހުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބުނެފައިވެ އެވެ.
އެކަމަކު މި ދިރާސާ ކުރި ފަރާތްތަކަށް ލޭގެ ގްރޫޕު "އޯ" ހުންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާ ސަބަބު ދެނެގެނެވިފައެއް ނުވެ އެވެ. އަދި އެހެން ލޭގެ ގްރޫޕުތައް ހުންނަ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ސަބަބުވެސް ހޯދިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް