ޒައިދާ ދެކޮޅަށް ސިއްރު ދެ ހެކިން ހުށައަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު ޒައިދުލް އަމީންގެ ޝަރީއަތުގެ މަހިލީހުގައި ރޭ ދަޢުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި އެވެ. ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒައިދުގެ މައ...

03 May 2017 | 05:30

މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު ޒައިދުލް އަމީންގެ ޝަރީއަތުގެ މަހިލީހުގައި ރޭ ދަޢުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި އެވެ.

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒައިދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މުޅިން އެހެން ތިން މައްސަލައެއްގައި އެވެ. ޒައިދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އަދި ގާނޫނީ ބާރު ހިންގަން ދަތި ކުރުމުގެ ދައުވާ އެވެ.

ޒައިދުގެ ގާނޫނީ ވަކީލު އަހުމަދު މަހުފޫޒު ރޭ ވިދާޅުވެފައިވަނީ ސިއްރު ދެ ހެކިން ހުށަހެޅި ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ސިއްރުން ހެކިން ހުށަހެޅި އިރު އެ ޝަރީއަތަކީވެސް ސިއްރުން ކުރިޔަސް ގެންދިޔަ އަޑުއެހުމެކެވެ. ޒައިދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރައްވާފައި އެވެ.

މި ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޒައިދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި އެވެ.

ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު ޒައިދު ގޭބަންދަށް ބަދަލު ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ބްލެއިކް މެއިލްގެ ތުހުމަތުގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން އެއްފަހަރު ގޭބަންދަށް ބަދަލުކުރި އިރު ދެން މުޅިންވެސް ހުރީ ފުލުހުންގެ ބަންދުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް