ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަހާއި ގުޅިގެން ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން ބަޔަކު މާދަމާ ދޫކޮށްލެވޭނެ ކަމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީން މުއްދަތު ހަމަވެފައިވާ49 މީހަކު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެކަމަކު އަދި ނަތީޖާ ނުލިބޭ ކަމަށާޢި އުންމީދު ކުރަނީ ނަތީޖާ ލިބިގެން ނެގެޓިވް ވެއްޖެ ނަމަ އޭގެ ތެރެެއިން ބަޔަކު މާދަމާ ދޫކޮށްލެވޭނެ ކަމަށެވެ.
ދޫކޮށްލާ ފަރާތްތައް ބަލާ އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައި އެވެ. އަދި ބަލާ ދާން ޖެހޭ ތަނުގެ މައުލޫމާތު އެމީހުންގެ އާއިލާތަކަށް އަންގާނެ އެވެ.
ކަރަންޓީން މުއްދަތު ކަމަށްވާ 14 ދުވަސް ހަމަވެގެން ދޫކޮށްލާއިރު ވައިރަހަށް ޓެސްޓު ކުރަން ނިންމީ ބަލީގެ އަލާމާތްތައް ނެތުމުން ކަރަންޓީންގެ މުއްދަތު ހަމަވެގެން އެގޮތަށް ދޫކޮށްލި ދެ ޓޫރިސްޓަކު ފުރިފަހުން ބައްޔަށް ޕޮސިޓިވްކަން އެނގުނު ހިސާބުން ނެވެ. އޭގެ ކުރިން ބަލީގެ އަލާމާތެއް ނެތް ނަމަ ކަރަންޓީން މުއްދަތު ހަމަވުމުން ދޫކޮށްލަނީ އެވެ.
އެ ދެމީހުން ޓެސްޓު ކުރީ ރާއްޖޭގައި ބައްޔާ ގުޅޭގޮތުން ހަދާ ދިރާސާއަކަށް މައުލޫމާތު އެއްކުރާށެވެ. ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ އެމީހުން ރާއްޖެއިން ފުރިފަހުން ނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއޭއަށް އަމާޒުވި އެވެ
އަލަށް އަމަލު ކުރަން ފެށި މި ގަވައިދަކީ ރާޢްޖޭގައި ކޯވިޑް-19 ފެތުރުމުގެބިރު އޮތުމުން ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
މިހާރު ރާއްޖޭގެ އެކި ރިސޯޓުތަކައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި881 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ގިނައީ ދިވެހިންނެވެ. އަނެއްބައި މީހުންނަކީ އެކި ވިސާތަކުގައި ރާއްޖެއަށް މަސައްކަތް ކުރަން އައި ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް