ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި ދެމީހަކު ދޫކޮށްލައިފި އެވެ.
އެ ދެމީހުންނަކީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ. ސޭންޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަނިކޮށް ވައިރަށް އަށް ޕޮސިޓިވްވެގެން ފަރުވާ ދޭން ފެށި އެ ދެމީހުންނަކީ އުމުރުން ދުވަސްވީ ދެމީހުންނެވެ.
އޭގެ ތެރެއިން70 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސްވެގެން ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ. އަންހެން މީހާ ދަރުމަވަންތަ ހޮސްޕިޓަކަށް ބަދަލު ކުރީ ފިރިމިހާ ކައިރީގައި ފަރުވާ ދިނުމަށެވެ.
ނޫސްވެރިންނަށް މައުލޫތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ބަލިން ރަނގަޅުވެގެން އެ ދެމީހުން ބައްޔަށް ދެފަހަރު ނެގެޓިވް ވީ މިދިޔަ މަހު ކަމަށެވެ. އެ ދެމީހުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު14 ދުވަހުގެ ކަރަންޓީން މުއްދަތުު ފުރިހަމަ ކުރުމަށް ފަހު އަނެއްކާވެސް ކޯވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ވުމުންނެވެ.
އެމީހުން މިއަދު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެމީހުންނަކީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން ފަރުވާ ދޭންފެށި މީހުންގެ ތެރެއިން ފުރަތަމަ ރަނގަޅުވި ދެ މީހުންނެވެ.
ފަހުން ވަނީ އެ ދެމީހުންނާއި އެކު ޖުމްލަ13 މީހަކު ބަލިން ރަނގަޅުވެފައި އެވެ. އެއީ ހުސް ބިދޭސީންނެވެ.
ބަލި ޖެހިގެން މިހާރު ފަރުވާ ދެމުންދަނީ ހަމައެކަނި ހަތަރު ދިވެހިންނަށެވެ. ދެން ޕޮސިޓިވްވި ދެ މީހުންނަކީ ރާއްޖެއިން ފުރިފަހުން ބަލި ޖެހިފައިވާކަން އިނގުނު އިޓަލީގެ ދެ ޓޫރިސްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް