ކޯވިޑް-19: ސަރުކާރު މުވައްޒަފުން ގޭގައިތިބެގެން މަސައްކަތް ކުރުމުގައި އުރީދޫން ފަހި އިންތިޒާމްތަކެއް

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން  ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނޭގޮތް ހަދައި، އޮފީސް މަސައްކަ...

02 Apr 2020 | 20:27

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން  ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނޭގޮތް ހަދައި، އޮފީސް މަސައްކަތްކުރުން ފަހިކޮށްދިނުމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން ފަށައިފިއެވެ.

މިގޮތުން، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވޭނެއެވެ.

މި އިންތިޒާމް އާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ލިބިވަޑައިގަންނަވާނޭކަމުގައި އުރީދޫއިން ބުނެއެވެ.

މި ކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިންޓަނެޓް ގެ ޚިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކި ވަކި ފަރުދުންނަށް އިހުނަށް ވުރެ ބޮޑަށް ބޭނުންކުރަންޖެހިފައި ކަމަށާއި ގައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން ދިވެހި މުޖުތަމައު އަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ހަމަމިއާއިއެކު، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދީފައިވާތީ، އުރީދޫ މޯލްޑިވްސްއަށް ޚާއްސަ ޝުކުރެއް އަދާ ކުރަން" މިނިސްޓަރު މަލީހް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ހާން ވިދާޅުވީމި ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އެގޮތުން ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ވަނީ މުޅިންހެން އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފައި ކަމަށެވެ. މުޅި ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައުއަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އުރީދޫއިން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާކަމުގައިވެސް ނަޖީބް ހާން ވިދާޅުވިއެވެ.

"އެގޮތުގެ މަތިން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ނަޖީބް ހާން ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެ ކަމުގައި އުރީދޫން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް