ތިބޭފުޅުންގެ މުސްތަގުބަލް ވަނީ ވޯޓާއި ގުޅިފައި، ފައިސާ އަށް ވޯޓް ވިއްކާ ނުލާ، ފަހުން ހިތާމަ ކުރަން ޖެހޭނެ - ފަޔާޒް

މިމަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ރައްޔިތަކު ވޯޓް ވިއްކާ ނުލުމަށް ކަނޑިތީމު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ 1 ނަންބަރު ކެނޑިޑޭޓް ފަޔާޒް ޔޫސުފް އިލ...

03 Apr 2019 | 18:50

މިމަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ރައްޔިތަކު ވޯޓް ވިއްކާ ނުލުމަށް ކަނޑިތީމު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ 1 ނަންބަރު ކެނޑިޑޭޓް ފަޔާޒް ޔޫސުފް އިލްތިމާސް ކުރައްވައިފިއެވެ. ދުވަސް އޮންލައިން އާއި ވާހަކަ ދައްކަވަމުން ފަޔާޒް ވިދާޅުވީ ވޯޓަކީ އަމާނާތެއް ކަމަށާއި އެއަމާނާތަށް ހިޔާނަތްތެރިވެ ވޯޓް ވިއްކާލުމަކީ ހަރާމް ކަމެއް ކަމަށެވެ.

" ކޮންމެ އިންތިޚާބަކާއި ދިމަކޮށް އިވޭ އަޑެއް ވޯޓް ގަނެ ވިއްކުމުގެ ވާހަކަ އަކީ ، މިއީ ވަރަށް ދެރަކަމެއް، ވިޔަފާރިވެރިއެއްގެ ހިޔަނީގައި ކޮންމެ އިންތިޚާބަކު ވާދަކޮށް ބަޔަކަށް ފައިސާ ދީގެން ވޯޓް ގަނެ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ޕާޓީ ބަދަލު ކުރޭ، މިއީ މި ދާއިރާގެ އެންމެން ދަންނަ ބޮޑު ސިއްރެއް، މިކަން ނިމުމަކަށް ގެނެވޭނީ ހޭލުންތެރިވެ މުސްތަގުބަލަށް ވިސްނާ ފައިސާގެ އަޅަކަށް ތިމާ ނުވެ ﷲ އަށް ބިރުވެތިވެގެން" ފަޔާޒް ވިދާޅުވިއެވެ.

ދޮރުން ދޮރަށް ހިނގުމުން ދާއިރާގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފިއްލަވައި އިނދެ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދޭކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރައްވާ ކަމަށް ފަޔާޒް ވިދާޅުވިއެވެ. " އަޅުގަނޑުމެންގެ މުސްތަގުބަލަށް އެއްވެސް ކަމެއް ކޮށެއް ނުދިނޭ ބުނެފަ ފައިސާގަ ހިފާފައި ވޯޓް ވިއްކާލާތީ އަޅުގަނޑުމެންގެ މުސްތަގުބަލް ބަނަވަމުން މިދަނީ" ފަޔާޒް ވިދާޅުވިއެވެ.

ދާއިރާ އަށް ނިސްބަތްވާ ދަރިއަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި ދުރުހިލޭ މީހަކަށް 30 އަހަރު  ފުރުޞަތު ދެއްވިއްޖެ ނޫންތޯ ސުވާލު ކުރައްވަމުން ފަޔާޒް އިތުރަށް ވިދާޅުވީ ވަގުތު ތިބާއަށް މަޑެއް ނުކުރާނޭ ކަމަށާއި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފި ނަމަ ހިތާމަ ކުރަން ޖެހޭނޭކަމަށެވެ. " މިއީ ކޮންމެ ދުވަހަކު ލިބޭނޭ ފުރުޞަތެއް ނޫން، 30 އަހަރު އަޅުގަނޑުމެންގެ ހައްގުގައި މަޖިލީހުގައި ވަކާލާތު ނުކުރެއްވި އިރު އިތުރު 5 އަހަރު އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން އެބޭފުޅަކަށް ފުރުޞަތު ދެއްވުން އިންސާފުވެރިތޯ ؟ އަޅުގަނޑު މިއައީ އަމިއްލަ އަތުން ބިލް ތައް ޑްރާފްޓް ކޮށް މަޖިލީހުގެ މެމްބަރަކަށް ހަވާލުކޮށް އެކަން ކާމިޔާބު ކޮށްގެން، 30 އަހަރު މިވަރު ވެސް ނުކުރެވުނު ބޭފުޅަކަށް ދީލާލުން އެއީ އިންސާފުވެރި އަމަލަކަށް ވެދާނެތޯ ؟ " ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް ވިދާޅުވީ ދާއިރާގައި ތައުލީމީ ގާބިލު ދަރީން ތިއްބައި އެފަރާތްތަކަށް ފުރުޞަތު ދެއްވަން މިހާރު ވަނީ ދާއިރާގެ ރައްޔިތުން ތައްޔާރު ވެފައިކަމަށާއި ނަމަވެސް މަދުން ނަމަވެސް ވޯޓް ވިއްކާލުމުގެ ހުތުރު އަމަލު ހިންގާކަމީ ހިތާމަ ކުރައްވާ ކަމެއްކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ފަޔާޒަށް އެބަ އޮތްކަމަށާއި، ތަފާތު ކުރުންތައް ނައްތާލައި ތަފާތު ދައްކައިދޭނޭ ކަމަށް ވިދާޅުވެ ފަޔާޒް އިލްތިމާސް ކުރެއްވީ، ދަރީންނާއި އެދަރީންގެ މުސްތަގުބަލު އުޖާލާ ކުރުމަށް ފަޔާޒަށް ވޯޓު ދެއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް