ވޮލްވްސް އަތުން ބަލިވެ ޔުނައިޓެޑްގެ ގަދަ ހަތަރެއްގެ އުންމީދުތައް ފަނޑުވެއްޖެއެވެ.
ޕްރިމިއާ ލީގުގައި ރޭ ވޮލްވްސްއާއި ޔުނައިޓެޑް ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަމަތަ ގޯލް ޖަހައި ލީޑް ނަގާފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ ސްކޮޓް މެކްޓޮމިނޭއެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ފްރެޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވޮލްވްސްއިންވަނީ މެޗުގެ 25 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލާފައެވެ. މި ގޯލް ވޮލްވްސްއަށް ޖަހައިދީފައިވަނީ ރައުލް ޖިމޭޒްގެ އެސިސްޓަކުން ޑިއޭގޯ ޖޮޓާއެވެ. މި މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރު އަދި ކެޕްޓަން އޭޝްލީ ޔޮންގްއަށް ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑަކާޑު ދައްކައި ދަނޑުން ވަނީ ބޭރުކޮށްފައެވެ. ޔުނައިޓެޑުގެ ރިހޭ ފައި މައްޗައް ފޮއެ ވެއްޓުނީ މެޗުގެ 77 ވަނަ މިނެޓުގައި ކްރިސް ސްމޯލިން އަތުން ބައިކޮޅަށް ގޯލެއް ވަނުމުންނެވެ.
މި ނަތީޖާއާއި އެކު ޔުނައިޓެޑަށް ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ވަނީ މިވަގުތަށް ގެއްލިފައެވެ. މިއީ މިސީޒަނުގައި ވޮލްވްސް އަތުން ޔުނައިޓެޑް ބަލިވި ދެވަނަ ފަހަރެވެ. އެފްއޭ ކަޕުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފައިވަނީވެސް ވޮލްވްސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް