ފާއިތުވި ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ބަލިވުމުގެ ބަދަލު ހިފަން ޔުވެންޓަސް އިން މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ރޮނާލްޑޯ ލަނޑު ޖެހިޔަ ނުދީ ހުއްޓުވޭނެކަމަށް އުންމީދު ނުކުރާ ކަމަށާއި، ރެއާލް އަތުން މޮޅުވުމަށް ނަސީބުގެ އެހީތެރިކަން ބޭނުންވާނެކަމަށް ބުނެ ޔުވެންޓަސްގެ ޑިފެންޑަރ ޖިއޯޖިއޯ ކިއެލީނީ ރޮނާލްޑޯއަށް ތަޢުރީފު ކޮށްފިއެވެ.
ކިއެލީނީ މިފަދައިން ބުނެފައިވާއިރު، މި އަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރެއާލް މެޑްރިޑުން ކުޅުނު 8 މެޗުން ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ 12 ލަނޑު ކާމިޔާބު ކޮށްފައެވެ. އަނެއްކޮޅުން، ފާއިތުވި އަހަރުގެ ފައިނަލް މެޗުން ފެށިގެން ރޮނާލްޑޯ ލަނޑެއް ކާމިޔާބު ނުކުރާ މެޗެއް ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ނުކުޅެއެވެ.
ހަމަ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް 33 އަހަރުގެ ރޮނާލްޑޯ ލަނޑު ޖަހާދާނެކަމަށް ޤަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ރެއާލްގެ މައްޗަށް ކުރި ހޯދޭނެކަމަށް އުންމީދުކުރާ ކަމަށް ވެސް ކިއެލީނީ ބުންޏެވެ.
" ރޮނާލްޑޯ އަބަދު ވެސް ކޮންމެ ބަޔަކާ ދެކޮޅަށް ވެސް ލަނޑު ޖަހާނެ ". ރެއާލް މެޑްރިޑާއި ޔުވެންޓަސް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޔުވެންޓަސްގެ އެންމެ މުހިންމު އެއް ޑިފެންޑަރު ބުންޏެވެ.
ފާއިތުވި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުވެންޓަސްއިން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނުއިރު އެ މެޗުން ޔުވެންޓަސް ބަލިވީ 4-1 ގެ ނަތީޖާއިންނެވެ. އެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއެވެ.
ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށާއި އެހެންނަމަވެސް ދެ ލެގުގެ ކުރިމަތިލުމަކުން ކުރިންގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް ޤަބޫލު ކުރާކަމަށް ކިއަލީނީ ބުންނެވެ. " ދެ ލެގް ކުޅެން ޖެހޭތީ ކާޑިފްގައި ކުޅުނު އެއް މެޗުގެ ފައިނަލާ މި ކުރިމަތިލުން ތަފާތު ވާނެ. މި ޓީމުގެ ބައެއް ކުޅުންތެރިން ވެސް ބަދަލު ވެއްޖެ. އަނެއްކޮޅުން އެ މީހުންގެ ޓީމު އޮތީ ގާތްގަނޑަކަށް ކުރިން ވެސް އޮތް ގޮތަށް"
މި މެޗާ ކުރިމަތިލާއިރު، ޔުވެންޓަސްގެ ފުރަތަމަ 11 ގައި އާންމުކޮށް ހިމެނިގެން ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރ މެހްދީ ބެނަޓިއާ އާއި މިޑްފީލްޑަރ މިރަލެމް ޖަނިޗް އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެއެވެ. އަނެއްކޮޅުން ފުލްބެކް އެލެކްސް ސަންޑްރޯއަށް އަނިޔާވެ މިރޭގެ މެޗުން ފެނުމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ރެއާލް މެޑްރިޑްގެ ޑިފެންޑަރ ނަޗޯއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ޔަގީން ވެފައިވާއިރު، ސާޖިއޯ ރާމޯސް އާއި އިސްކޯ ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅުނު ނަމަވެސް މިރޭގެ މެޗުން ފެންނާނެކަމަށް ބެލެވެއެވެ.
މިރޭގެ މެޗު ފެށޭނީ ރާއްޖެ ގަޑިން 23:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް