މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ވިޔަފާރިވެރިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި ކަމަށް މޯލްޓިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްއިން މިއަދު ބުނީ މިފަދަ އިންތިޒާމެއް ހަމަޖައްސަން ޖެހުނީ މާލެތެރޭގައި މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ ގުޅިގެން ބަނދަރުން މުދާ ގެންގޮސްދޭ މަޖޫރީން ބޮޑު ފީއެއް ވިޔަފާރިވެރިންގެ އަތުން ނަގަމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މަޖޫރީން ވަނީ މުދާ ގެންގޮސްދޭ އަގު ދެގުނަ ބޮޑު ކޮށްފައި އެވެ.
އެމްޕީއެލްއިން ބުނީ މިހާރު ވިޔަފާރިވެރިންނަށް އަމިއްލައަށް ގޮސް މުދާ ކްލިއާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އިންތިޒާމްތަކާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
އާ ގަވައިދުގެ ދަށުން ޕިކަޕާއި ލޮރީފަދަ ތަކެތީގައި މުދާ މާލޭގެ އެއްތަނުން އަނެއް ތަނަށް އުފުލޭނީ ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. އެކަމަކު ވަކި ގަޑިތަކެއްގައި ގޭސް ޑެލިވަރީ ކުރެވޭނެ އެވެ. އަދި ބަނދަރުމަތީގައި ހުންނަ ފިހާރަތަކުން ދޯނި ފަހަރަށް މުދާ ގެންދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް