ސަރުކާރަށް 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އަންގައިފި

ސަރުކާރަށް 74،016000 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ. އެގޮތަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފިނޭންސް މިނިސްތަރު އަހުމަދު މުނައްވ...

03 Apr 2018 | 08:16

ސަރުކާރަށް 74،016000 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އެގޮތަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފިނޭންސް މިނިސްތަރު އަހުމަދު މުނައްވަރު ސޮއި ކުރައްވާ އަދީބަށް ފޮނުވާފައިވާ ސިޓީއެއްގައި އެވެ. އެމަނިކުފާނު އެހާގިނަ ފައިސާ ސަރުކާރަށް ދައްކަން އެންގީ ގަވައިދާ ހިލާފަށް ނަސަންދުރަ ހިންގި އިމާރާތް ކުއްޔަށް ދިނުމުން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

މިފައިސާ ދެއްކުމަށް އަދީބަށް ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

އަދީބު އެ ފައިސާ ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ ނަސަންދުރާ ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ކުންފުންޏަށް އެ ތަން ތަރައްގީކުރަން ދިން މުއްދަތު ގަވާއިދާ ހިލާފަށް 50 އަހަރަށް އިތުރުކޮށްދީފައިވާ މައްސަލައާ ގުޅިގެން ދައްކަވަންޖެހޭ ފައިސާއެވެ. އެކަމުގެ ޒިންމާ ނަގަން ޖެހެނީ އަދީބު ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ތަހުގީގު ކުރުމަށް ފަހު  އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

"ނަސަންދުރަ ޕެލެސް ހޮޓެލް ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަޕްރައިޒަސްއާއި އެކު އެކުލަވާލާފައިވާ އެއްބަސްވުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލައި ޓޫރިސްޓް ރިސޯޓް ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާއި ބެހޭ ގަވައިދުގެ މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައުލަތައް ނުހޯދާ އެ އެއްބަސްވުމުގެ ދަށުން ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ ހަތްދިހަ ހަތަރު މިލިއަން ސޯޅަހާސް ރުފިޔާ ދައުލަތަށް ގެއްލުން ވެފައިވެ އެވެ،" އަދީބަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

ހަތް ދުވަސް ތެރޭގައި އަދީބު އެ ފައިސާ ދައުލަތަށް ނުދައްކައިފިނަމަ އެ މައްސަލަ އޭޖީ އޮފީހަށް ފޮނުވާނެ ކަމަށް އަދީބަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް