މާލެ ތެރޭގައި މުދާ އުފުލުމާއި ގުޅޭގޮތުން އަލަށް އަމަލު ކުރަން ފެށި ގަވައިދާ ގުޅިގެން މުދަލުގެ އަގު ބޮޑު ކުރާނަމަ އެ ވިޔަފާރިތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ނިންމުމާއި ގުޅިގެން ވިޔަފާރިވެރިން ބުނެފައިވަނީ މާލޭ ވިޔަފާރި ބަނދަރުން ފިހާރަތަކަށް މުދާ ގެންދިއުމުގައި މަޖޫރީން ނަގާ ފީ ބޮޑު ކުރުމުން ތަކެތީގެ އަގު ބޮޑު ކުރަން ޖެހޭނެ ކަމަށެވެ.
މިކަމަށް ރައްދުދީ މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަކީ މުދަލުގެ އަގު ބޮޑު ކުރަން ޖެހޭ ފަދަ ބަދަލެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅިގެން އަގުބޮޑުކޮށް މުދާ ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އާ ގަވައިދުގެ ދަށުން ޕިކަޕާއި ލޮރީފަދަ ތަކެތީގައި މުދާ މާލޭގެ އެއްތަނުން އަނެއް ތަނަށް އުފުލޭނީ ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. އެކަމަކު ވަކި ގަޑިތަކެއްގައި ގޭސް ޑެލިވަރީ ކުރެވޭނެ އެވެ. އަދި ބަނދަރުމަތީގައި ހުންނަ ފިހާރަތަކުން ދޯނި ފަހަރަށް މުދާ ގެންދެވޭނެ އެވެ.
މީގެ އިތުރުން ހުޅުމާލެއަށް މުދާ ގެންދެވޭނީ ރޭގަނޑު ކަމަށް ކަނޑައެޅުމުން އެމްޓީސީސީން ވަނީ އެ ކުންފުނީގެ މުދާ އުފުލާ ފެރީގެ ގަޑިތައް ރޭގަނޑަށް ބަދަލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް