ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަން، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ"ގެ ފްރެންޗައިސް ރެސްޓޯރެންޓަކާ އެކު ރަސްމީކޮށް މިރޭ ހުޅުވައިި އެވެ.
ގްލޯރިއާ ޖީންސް ކޮފީ ރެސްޓޯރެންޓު ރަސްމީކޮށް ހުޅުވައިދެއްވީ މެޑަމް ފާތިމަތު އިބްރާހިމް އެވެ. ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށް ފަހު މެޑަމް ފާތުން ވަނީ އެ ތަނުގެ ކޮފީ ތަޖުރިބާ ކުރައްވާފަ އެވެ.
ޕެވިލިއަން ހަދާފަިއވަނީ ތިން ބުރި އަށެވެ. ގްލޯރިއާ ޖީންސް ކޮފީ ރެސްޓޯރެންޓު ހަދާފައިވަނީ އިމާރާތުގެ ތިން ވަނަ ބުރީގައި އެވެ. އެތަން ހެދި އެމްޑަބްލިއުއެސްސީން މިރޭ ބުނީ ތިރީ ދެ ބުރީގައި ފްރެންޗައިޒް ދެ ރެސްޓޯރެންޓް ހުޅުވާނެ ކަމަށާއި އެތަންތަނަކީ އާއިލާތަކަށް އެކުގައި އައިސް ބައްދަލުކޮށްލެވޭ އަދި ކުޑަކުދިންނާ ގުޅޭ ފްރެންޗައިޒް ރެސްޓޯރެންޓްތަކެއް ކަމަށެވެ.
ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ ޕެވިލިއަންގެ ތިރީގައި ހަދާނީ ޗޭންޖިން ރޫމުތަކަކާއި ފާހާނާ ބަރިތަކެއް ކަމަށެވެ. އެކަމަކު މިރޭ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެ ނިންމުން ބަދަލު ކުރަން ޖެހުނީ ބޭރުގެ ފްރެންޗައިޒްތައް ގެނައުމަށް، އިންޓަނޭޝަނަލް ސްޓޭންޑާޑަށް އެ އިމާރާތް ގެނައުމަށް ކަމަށެވެ.
އެހެންވެ މިހާރު ފާހާނަ ބަރިތަކާއި ޗޭންޖިން ރޫމްތައް ހެދުމަށް ނިންމާފައިވަނީ ރަސްފަންނުގެ އައިޖީއެމްއެޗާ ދިމާލުގައި އެވެ.
ގްލޯރިއާ ޖީންސްގެ ފްރެންޗައިން ރެސްޓޯރެންޓްތައް ވަރަށް އަވަހަށް، އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ހުޅުވާނެ ކަމަށް، ރާއްޖޭގައި އެ ފްރެންޗައިޒް ގެންގުޅޭ ކުންފުނީގެ ވެރިންނާއި ހަވާލާދީ މިރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބިޑް ކާމިޔާބުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް