އދ. ގައި ހިމެނޭ ގައުމުތަކާއި މެދު އަމަލު ކުރަން ޖެހޭނީ ހަމަހަމަ ކަމާއި އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކި ގައުމުތަކުން އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ތަފާތުތައް ހުންނާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އދ. ގެ މެންބަރު ގައުމުތަކުން، ގައުމުތަކުގައި ހުރި ތަފާތުތަކާ އެކު ހަމަހަމަކަމާއެކު އާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުސޫލުން ކަންތައް ކޮށްދޭން ވާނެ ކަމަށެވެ.
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާމަންކަންކޮށް، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ވިދިވިދިގެން ދެ އަހަރު ރާއްޖެ ކާމިޔަބުކޮށްފަ ވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރާއްޖެއަކީ އިންސާނީ ހައްގުތަކަށާއި ތިމާވެށީގެ މައްސަލަތަކުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ގައުމެއް ކަމަށް އެކަމުން ސާބިތުކޮށްދޭކަމަށް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅޭގޮތުން ރައީސް އެ ބައްދަލުވުމުގައި ވިދާޅުވީ އެކަން ކުރެއްވީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާފަދަ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިމަތިވުމުން ކަމަށެވެ.
މީގެ 20 އަހަރު ނުވަތަ 15 އަހަރު ކުރިއާ އަޅާބަލާއިރު ރައްޔިތުން ބޭނުންވާ ކަންތައްތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެ މިވަނީ ތަފާތު އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދައި ހަލުވި ކަމާ އެކު ތަރައްގީ ހާސިލުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ. ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯއްދަވައިދެއްވުން އެކަންކަން ހާސިލްކުރުމުގައި ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް