ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަަރްހާން އަލް-ސައުދު -
ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ދިން ޑްރޯން ހަމަލާ، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ ޤައުމުގެ ސަލާމަތް ދިފާއުކުރުމަށް ބޭނުން ހުރިހާ ފިޔަވަޅެއް އެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެފިއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ ރިޔާޟާއި އިރުމަތީ ޕްރޮވިންސަށް އީރާނުން ދިން ހަމަލާތަކަކީ "ފާޅުކަން ބޮޑު ފިނޑި ހަމަލާތަކެއް" ކަމަށެވެ. ސައުދީ ވައިގެ ސަރަހައްދާއި ބިން، އީރާނާ ދެކޮޅު ހަމަލާތަކަށް ބޭނުން ނުކުރާނެ ކަމުގެ ޔަޤީންކަން ދީފައި ވީ ނަމަވެސް އީރާނުން ހަމަލާ ދިން ކަން ވުޒާރާއިން ފާހަގަކުރިއެވެ. ރައްދުގައި ހަމަލާ ދިނުމުގެ އިޚްތިޔާރު ވެސް ހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ.
ސައުދީ ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ އެމްބަސީއަށް ދެ ޑްރޯން އަމާޒުވިއެވެ. އަލިފާން ރޯވެ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ. ފަތިހުގެ ވަގުތަކަށް ވުމާއެކު އެމްބަސީ ހުސްކޮށް އޮތުމުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ފަހުން ރިޔާޟާއި އަލް-ޚަރްޖް ކައިރިން އިތުރު އަށް ޑްރޯން ވައްޓައިލާފައިވާ ކަމަށް ވެސް ދިފާއީ ވުޒާރާއިން ބުންޏެވެ.
ސައުދީން ވަނީ ޔޫއޭއީ، ޤަޠަރު، ބަހުރައިން، ކުވެއިތު އަދި އުރުދުންއަށް އީރާނުން ދިން ހަމަލާތައް ވެސް ކުށްވެރިކޮށް، އެ ޤައުމުތަކާ ފުރިހަމައަށް އެއްބައިވާ ކަމަށް ބުނެފައެވެ. ޖީސީސީގެ ހަ ޤައުމާއި އުރުދުނުން ވަނީ ގުޅިގެން "އީރާނުގެ އުދުވާނީ ހަމަލާތައް" ކުށްވެރިކޮށްފައެވެ.
މި ހަމަލާތައް އައީ ހޮނިހިރު ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އީރާނުން ގަލްފުގެ ސަރަހައްދީ ޤައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ ހޯމޮޒް ކަނޑުއޮޅި ބަންދުކޮށްފައި ކަމަށް އިއުލާނުކޮށް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ މެދުއިރުމަތީ 14 އަށް ވުރެ ގިނަ ޤައުމުގައި ތިބި އެމެރިކާ ރައްޔިތުންނަށް "މިހާރުން މިހާރަށް ފުރައިގެން ދިއުމަށް" ގޮވައިލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް