ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފިއެވެ.
މި ގޮތުން މި ޚިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ 1 މާރިޗު އިން ފެށިގެން ނުނަގާ ގޮތަށް ބޭންކުން ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ގެނެވުނު ބަދަލާ ގުޅޭގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ " އީ-ކޮމަރސް ގެ ޚިދުމަތް ދިވެހިރާއްޖޭގަައިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން. މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ޚިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި. އަދި މިދިޔަ އަހަރު އަޅުގަނޑުމެންގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ. ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ޚިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ޚިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުން."
މި ބަދަލަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ބީއެމްއެލް އިން ކުދި ވިޔަފާރިތަކާ އޮތް ގާތް ގުޅުމާ އެ ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބަދަލެކެވެ. އަދި ކުދި ވިޔަފާރި ތަރައްގީ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ވެސް ހާއްސަ ވެގެންދާ ބޭންކަކީވެސް ބީއެމްއެލްއެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު މިއަދު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތްވެސް ހިމެނެއެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށްވުރެ ގިނަ މުޢާމަލާތްކޮށްފައިވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުޢާމަލާތްތަކުގެ %90 އަށް ވުރެ ބޮޑު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް