ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ސްރީދޭވީ މަރުވެފައިވަނީ ބިލިގާއަށް ވެއްޓި ގެނބިގެންކަމަށް ދުބާއީ ޕޮލިހުން ހާމަކޮށް އެކޭސް ނިމުނީކަމަށް ވަނީ ނިންމާފައެވެ. އޭގެފަހުން ސްރީދޭވީގެ ހަށިގަނޑު އިންޑިޔާއަށް ގެނެސް ޖަނާޒާގެ ކަންކަންވެސް ވަނީ ނިމިގެންގޮސްފައެވެ. އެހެންނަމަވެސް ސްރީދޭވީގެ މަރުވިގޮތާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އަދިވެސް ނިމުމެއް ނާދެއެވެ. އެމަރާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާއިރު އަދިވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އޭނާގެ ފޭނުންގެންދަނީ ކުރަމުންނެވެ. ހަމަހުރެފައި މީހަކު ވެއްޓިގެން މަރުވެދާނެތޯ ބުނެ އެތައް ބަޔަކު އަދިވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދުބާއީގައި އޭނާ ހުރި ހޮޓަލުގެ ފާހާނަތެރޭ މަރުވެފައި އޮއްވާ ފެނުނުއިރު އެންމެ ފުރަތަމަ މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވަނީ އޭނާ މަރުވީ ހިތްހުއްޓިގެން ކަމުގައެވެ. އެހެންނަމަވެސް ސްރީދޭވީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ދުބާއީ މެޑިކަލް ހަވާލާދީ ގަލްފް ނިއުސް އިން ބުނީ ސްރީދޭވީ މަރުވީ ހޮޓެލްގެ ކޮޓަރީގެ ފާހާނާ ތެރޭގައި މަސްތުގެ ހާލަތުގައި އުޅެނިކޮށް، ފެނުން ފުރާލައިފައި ހުރި ބިލިގާގެ ތެރެއަށް ވެއްޓި، އޭގެ ތެރެއަށް ގެނބިގެން ކަމަށެވެ.
އެހެންނަމަވެސް މިދެ ސަބަބަކީވެސް ސްރީދޭވީގެ މަރާގުޅުންހުރި ދެ ސަބަބު ނޫންކަމަށް ދޭހަވާގޮތަށް ސްރީދޭވީގެ ގާތްމީހުންވަނީ މީޑިޔާގައި ވާހަކަދައްކާފައެވެ. އެގޮތުން ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރުގެ ކޮއްކޮ އަދި އެކްޓަރު ސަންޖޭ ކަޕޫރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ސްރީދޭވީއަކީ ހާޓްއެޓޭކާއި ސްޓްރޯކްގެ އެއްވެސް ރިކޯޑެއް ކުރިން އޮތް މީހެއް ނޫން ކަމުގައެވެ. އަދި ސްރީދޭވީގެ ގާތްމީހުންނާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެފައިވަނީ ވަނީ އޭނާއަކީ އެއް އިރެއްގައި ވެސް ބާރުގަދަ ބަނގުރާ ބޭނުންކުރާ މީހެއް ނޫން ކަމުގައެވެ. އެހެންކަމުން މަސްތުގެ ހާލަތަކާ ހެދި އޭނާ މަރުވި ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް އެ މީހުން ބުނެފައިވެއެވެ. އަނެއްކޮޅުން ބައެއް ރިޕޯޓްތައް ބުނަނީ ސްރީދޭވީގެ މަރުގެ އަސްލަކީ ދާދިފަހުން އޭނާ ހަދާފައިވާ ޕްލާސްޓިކް ސަރޖަރީއާ ގުޅިގެން އޭނާގެ ހަށިގަނޑުގައި އެވަރު ބާރު ނެތުންކަމުގައެވެ.
ކޮންމެ އަކަސް މިހުރިހާ ވާހަކަތަކަކީވެސް ސްރީދޭވީގެ މަރާއި ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކެވެ. އެހެންނަމަވެސް މިވާހަކަތަކުގެ ތެރެއިންވެސް ކަމާބެހޭ ރަސްމީ ފަރާތުން ހާމަކޮށްފައިވާގޮތަށް ސްރީދޭވީ މަރުވީ ގެނބިގެންކަމަށް ރަސްމީކޮށް މިހާރު މިވަނީ ކަށަވަރުވެފައެވެ. މިއާއެކު އޭނާގެ ފޭނުން ގެންދަނީ މިކަމުގެ ތަފްސީލީ ރިޕޯޓް އާންމުކުރުމަށް ގޮވާލަމުންނެވެ. ހަމައެކަނި ގެނބިގެންނޭ ބުނުމަކުން ސްރީދޭވީ މަރުވި ގޮތުގެ ތަފްސީލް ނޭންގޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އުމުރުން 54 އަހަރުގައި ސްރީދޭވީ މަރުވެފައިވާއިރު އޭނާ ވަނީ 300 ށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އުމުރުން އެންމެ 4 އަހަރުގައި ފިލްމީ ދާއިރާއަށް ނިކުތް ސްރީދޭވީ އަކީ އޭނާގެ ބުރަ މަސައްކަތާއި ހުނަރުން ބޮލީވުޑްގެ ރާނީއަކަށްވި ކުޅަދާނަ ބަތޮލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް