އިނގިރޭސިވިލާތުގައި ތައުލީމް ހާސިލުކުރަމުން އަންނަ މިސްރުގެ އަންހެން ދަރިވަރަކަށް އަންހެނުންތަކެއް ހަމަލާ ދީފި އެވެ.
ނޮޓިންހަމްގައި ތައުލީމް ހާސިލު ކުރަމުން އަންނަ އެ އަންހެން ދަރިވަރަށް ހަމަލާ ދީފައިވަނީ 10 އަންހެނުންގެ މައްޗަށް އެކުލެވޭ ގްރޫޕަކުންނެވެ.
މަރްޔަމް މުސްތަފާ އަބްދެލް ސަލާމް ނަމަކަށްކިޔާ އެ އަންހެން ދަރިވަރަށް، 10 އަންހެނުން ހަމަލާ ދޭ މަންޒަރު ހިމެނޭ ވީޑިއޯ އެ އަންހެން ދަރިވަރުގެ މަންމަ، ވަނީ ސޯޝަލް މީޑިއާ އަށް ލައިފަ އެވެ. އަންހެން ދަރިވަރަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު ދަރިވަރު އޮތީ ފުރާނައާއި ހަނގުރާމަކުރާ ހާލުގައި ކަމުގައި ދަރިވަރުގެ މަންމަ ބުނެފައި ވެ އެވެ.
އެ ދަރިވަރުގެ މަންމަ ބުނެފައިވަނީ 10 އަންހެނުން އޭނާގެ ދަރި ގައިގާ، އާންމު މަގެއްގެ މަތީގައި ތަޅާ އަނިޔާ ކުރުމަށްފަހު 20 މީޓަރަށް ދަމާ ކޫއްތާފައި ގެންދިޔަ ކަމަށާއި އަދި ސަލާމަތް ވުމަށް ބަހަކަށް އެރުމުން ބަހުގެ ތެރެއަށް އެމީހުން ވަދެ ދަރީގެ ގައިގާ ހޭނެތެންދެން ތެޅި ކަމަށެވެ.
މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގައި ހުންނަ މިސްރުގެ އެމްބަސީން ބުނެފައިވާއިރު ދަރިފުޅަށް އިންސާފު ހޯދައިދީ އެ އަމަލު ހިންގި 10 އަންހެނުން ހައްޔަރުކުރުމަށް އެ ދަރިވަރުގެ މަންމަ ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް