ރިޔާސީ ބަޔާނުގެ މުހިންމު ބައިތަކަށް ސައީދުގެ ހަމަލާތައް، އިނގެނީ ނާގާބިލުކަން

މަޖިލީސް މިއަހަރަށް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގެ މުހިންމު ދާއިރާތަކަށް އިދިކޮޅު ޕީއެންސީން ހޫނު ހަމަލާތަކެއް ފޮނުވާލައިފި އެވެ. ޕީއެންސީގެ ނައިބު ރައީސް އ...

03 Feb 2020 | 16:45

މަޖިލީސް މިއަހަރަށް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގެ މުހިންމު ދާއިރާތަކަށް އިދިކޮޅު ޕީއެންސީން ހޫނު ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ ބަޔާނުން އެނގި ހާމަވީ ދައުލަތްވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި ކަމެވެ. އިޖުތިމާއީ އިންސާފުން އެކަހެރިވެ މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފައިވާކަން ހާމަވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުން އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުގައި ތަސައްވުރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް އަހަރާއި ދެބައިވީއިރުވެސް އެތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އަޅަން ފެއްޓި ފްލެޓުތަކުގެ ފަހަތުން ބުރުއަޅައަޅާ ކަމަށެވެ. ސައީދު ވިދާޅުވީ އެވަރުގެ ބަޔަކަށް20،000 ފްލެޓާއި ހަމައަށް ވިސްނާނެ ގޮތެއް ނޭގޭ ކަމަށެވެ.

މާލެ، ވިލިނގިލި އަދި ތިލަފުށީ ގުޅާލުމުގެ މަޝްރޫއު މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން ސައީދު ވިދާޅުވީ އެ މަޝްރޫގެ ޑިޒައިން، އިންޖިނިއަރިން، ފައިނޭންސް ހޯދާނެ ގޮތާއި ދަރަނި ދެކޮޅު ޖެއްސޭނެ ގޮތްވެސް ކުރީ ސަރުކާރުން ހޯދާ ނިންމާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން އެ މަސައްކަތް ފަށަން ނިންމި ނަމަވެސް އެއީ ރައީސް ޔާމީންގެ ވިޝަންއެއް ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ޓޫރިޒަމްއަށް ހިޔަނި އެޅޭ ކަން މިއަދު އެމްޑީޕީއަށް އިނގިއްޖެ ކަމަށެވެ. އެއީ ސަރުކާރުގައި އޮތުމުން ކަމަށާއި ނެތް ހާލަތްތަކުގައި އަބަދުވެސް ގޮވަނީ ބޮއިކޯޓު ކުރަން ކަމަށެވެ.

https://twitter.com/em_saeed/status/1224245441371328512

ސައީދު ވިދާޅުވީ މިއަދުގެ ރިޔާސީ ބަޔާނުން އިނގިގެން ދިޔައީ އޭގެން އެއްވެސް ކަމެއް ހަމަ މަގަށް އެޅުވޭނެ ގާބިލްކަން މިސަރުކާރުގައި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް