ވައިރަސް ހުރިތޯ ޓެސްޓު ކުރީ ހަތް މީހުން، އެންމެން އައިސޮލޭޝަން އިން ދޫކޮށްލައިފި

ކޮރޯނާ ވައިރަސް ހުރިތޯ ހަތް ދިވެއްސެއް ޓެސްޓު ކުރި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. މިއަދާ ހަމައަށް ހެލްތް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ގޮސ...

03 Feb 2020 | 09:27

ކޮރޯނާ ވައިރަސް ހުރިތޯ ހަތް ދިވެއްސެއް ޓެސްޓު ކުރި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއަދާ ހަމައަށް ހެލްތް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ގޮސްފައިވަނީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރީ އެ ބައްޔަށް ޝައްކު ކުރެވުނު މީހާ ކަމަށެވެ. އެކަމަކު އަލާމާތްތައް ފެނިގެން އިތުރު ދެ މީހަކު އައިސޮލޭޝަންގައި ބައިތިއްބާފައިވާކަމަށެވެ.

ޓެސްޓު ކުރި މީހުންގެ އަދަދު އެކަކަށްވުރެ އިތުރުކަން ހާމަވީ މަޖިލީސް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓު ހެދި އެންމެންގެ ނެގެޓިވް ވެފައިވާ ކަމަށް ވިދާޅުވުމުންނެވެ. އިތުރު ތަފްސީލެއް ރައީސް ނުދެއްވަ އެވެ.

މެންދުރު ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިސޮލޭޝަންގައި ތިބި ހަތް މީހުން ދޫކޮށްލާފައިވާ ކަމަށާއި އެއްވެސް މީހަކު މިހާރު އައިސޮލޭޝަންގައި ނެތް ކަމަށެވެ. އަދި ހަތް މީހަކު ބައްޔަށް ޓެސްޓު ކުރި ކަމަށެވެ

އޭގެ ތަފްސީލް ދެމުން ބުނެފައިވަނީ އެކަކީ ބައްޔަށް ޝައްކު ކުރެވުނު މީހެއް ކަމަށެވެ. އަނެއް ހަތަރު މީހުންނަކީ ޗައިނާއަށް ދަތުރުކުރި ބަލީގެ އަލާމާތް ހުރި ކަމަށް ރިޕޯޓުކޮށްފައިވާ އެކަމަކު ބަލި ހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ މީހުންނެވެ. މީގެ އިތުރަށް ޓެސްޓު ކުރި ދެ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ އެކަމަކު ޗައިނާއަށް ދަތުރުކޮށްފައިވާތީ ޓެސްޓު ކުރި ދެމީހުން ކަމަށެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުންދާ ހަލުވި މިނަންބަލައި ސަރުކާރުން ވަނީ ރާއްޖެއަށް ބަލި އަޔަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޗައިނާ މަގުން ރާއްޖެ އަންނަ އެއްވެސް މީހަކަށް ރާއްޖެ ނުވަދެވޭ ގޮތަށް ޓްރެވަލް އެޑްވައިޒަރީއެއް ވަނީ ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް