ޗައިނާގެ ވޫހާއިން އުފަންވި ކޮރޯނާ ވައިރަސް އަކީ ރާއްޖޭގެ އިގްތިސޯދާއި ޓޫރިޒަމަށް އެޅުނު ހިޔަންޏެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީސް މިއަހަރަށް ހުޅުވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރިޔަސް، ކޮރޯނާވައިރަސްގެ ސަބަބުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ މިކަމުން އަރައިގަތުމަށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ވައިރަސް އާއި ގުޅިގެން މިހާތަނަށް 13،287 ބުކިން ވަނީ ކެންސަލްވެފަ އެވެ. ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މިހ ބޮޑު އަސަރެއްކުރަމުންދަނީ، ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ވާތީ އެވެ.
ސަަރުކާރުން މިހާރު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް ހުއްޓާލުމުގެ އިތުރުން، ޗައިނާ މަގުން އެއްވެސް މީހަކު ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ނިންމައިފަ އެވެ. އަދި ޗައިނާއަށް ޒިޔާރަތްކުރި މީހަކަށް ވެސް ރާއްޖެ ކަރަންޓީން ނުވެ ސީދާ ރާއްޖެ ނާދެވޭނެ ކަމަށް، އިއްޔެ އިއުލާންކުރި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޓޫރިޒަމްގެ އިތުރުން އިގްތިސޯދަށްވެސް އެ ވައިރަސްގެ ސަބަބުން އަސަރު ކުރަމުންދާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ގޮތުން ޗައިނާ މަގުން ކުރެވޭ ދަތުރުތައް މެދުކަނޑައިލީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ވާތީ ކަމަށެވެ.
ރައީސް ސޯލިހުގެ އެންގެވުމަށް ކޮރޯނާ ވައިރަސް އާއި ގުޅިގެން އިގްތިސޯދަށް ލޮޅުން އެރިޔަސް މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން މިނިސްޓްރީތަކާއި ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް