ހިޔާ މަޝްރޫއުގެ ފްލެޓުތައް ހަވާލުކޮށް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު މިއަހަރު ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި ފްލެޓުތައް ނިންމާ މިއަހަރު ހަވާލު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރިޔާސީީ ބަޔާނ...

03 Feb 2020 | 06:00

ހިޔާ މަޝްރޫއުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި ފްލެޓުތައް ނިންމާ މިއަހަރު ހަވާލު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީީ ބަޔާން ދެއްވަމުން ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ހަދަމުންދާ7000 ފްލެޓުގެ މަސައްކަތް ނިންމާ އެ ފްލެޓުތައް ދިނުމަށް ސަރުކާރުން ރައްޔިތުންނާއި އެކު އެއްބަސްވެފައިވާ ގޮތަށް އެ ފްލެޓުތައް ދޫކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބި އެވެ. ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް މުޅި ޖުމްލަ، ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ވަނީ ތައްޔާރުވެފަ ކަމަށެވެ.

"ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް ޢިއުލާންކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ހުޅުމާލޭގައި އަޅާ4000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. އަދި ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ވަނީ ގުޅީ ފަޅުން ފްލެޓު ގަތް މީހުންނަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގުޅީފަޅުން ފްލެޓު ގަތް މީހުންނަށް އެހެން ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި ނަމަވެސް ސަރުކާރު ބަދަލުވެ އަހަރެއް ވީއިރުވެސް އެމީހުންނަށް ގުޅީފަޅުން ގަތް ފްލެޓުގެ ބަދަލުގައި ފްލެޓު ލިބިފައެއް ނުވެ އެވެ.

އެމީހުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް