ރޭ ސްޕެނިޝް ލީގުގައި ވެލެންސިއާ އާއި ބާސާ ބައްދަލުކުރި މެޗުގައި ވެލެންސިއާ އިން 2 ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރާ މެސީ ޖަހައިދިން 2 ލަނޑު ބާސާ ސަލާމަތްވިއިރު، މެސީއަށް އަނިޔާގެ ބިރާ ވެސް ކުރިމަތިވެއްޖެއެވެ.
ބައެއް ބަދަލުތައް ގެނައި ނަމަވެސް، ބާސާއިން ރޭގެ މެޗު ފެށީ ވަރުގަދަ ޓީމަކާއެކުގައެވެ. އެހެނަސް، އެ ޓީމަށް މެޗުގެ ކުރީކޮޅު އެންމެ އެދެވޭ ކުޅުމެއް ނުދެއްކުމުގެ ނަތީޖާއަކަށްވީ ވެލެންސިއާއިން މެޗުގެ ފުރަތަމަ ތިރީހަަކަށް މިނިޓުގެ ތެރޭގައި 2 ލަނޑު ޖަަހައި، ބާސާ ހާސްކޮށްލުމެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގަމެއިރޯ އެވެ. މެސީގެ ފައިދަށުން ހޯދި ބޯޅައަކާއެކު ޕަރެޖޯ އަވަސް ކައުންޓަރ އެޓޭކެއް އުފެއްދިއިރު، ގަމެއިރޯ ލަނޑު ޖެހީ މޮރޭނޯ ހުރަސްކޮށްލި ބޯޅައިންނެވެ.
ފުރަަތަމަ ލަނޑު ޖެހިތާ މާކަ ގިނައިރުތަކެއް ނުވެ، ވެލެންސިއާ އިން ލީޑު ފުޅާކުރިއެވެ. ބާސާގެ އޭރިޔާގެ ތެރެއިން ވާސް އަށް ރޮބާޓޯ ކުރި ފައުލްއަކަށް ރެފްރީ ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީ ޕަރެޖޯ އެވެ.
ވެލެންސިއާ އިން 2 ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ބާސާގެ ވަރުގަދަ އެޓޭކަރުންގެ ކުރިމަތީގައި އެ ޓީމަށް ހިފަހައްޓާލުމަށް ނުކުޅަދާނަ ވިއެވެ. ނަތީޖާއަކަށްވީ ސެމެޑޫއަށް ލަޓޯ ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން މެސީ ލަނޑު ޖަހައި، ބާސާއަށް ހިތްހަމަ ޖެހުމެއް ހޯދައިދިނުމެވެ.
ފުރަތަމަ ހާފު މި ނަތީޖާ އާއެކު ނިމުނުއިރު، މެސީ ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 64 ވަނަ މިނިޓުގައެވެ. މެސީ މި ލަނޑު ޖެހީ ވިޑާލް ދިން ބޯޅަ އަކުންނެވެ.
ރޭގެ މެޗު އެއްވަރުއިރު، ބާސެލޯނާއަށް ކުރިއަށް އޮތީ މި ހަފުތާގެ ބުދަ ދުވަހު ކޮޕަ ޑެލްރޭ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗެވެ. މިފަދަ މުހިންމު މެޗެއް އޮތްއިރު، ރޭގެ މެޗުގެ ފަހުކޮޅުގައި މެސީއަށް އަނިޔާވެ ފަރުވާ ދިނުމަށް ދަނޑުން ބާލަން ޖެހުނެވެ. އަނެއްކޮޅުން ފަރުވާއަށް ފަހު އެނބުރި އައި ނަމަވެސް މެޗުގެ ބާކީ ބައިގައި މެސީ މާބޮޑަށް ނުދުވެ ކުޅުމުން، ބާސާއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ.
މެސީގެ އަނިޔާއާމެދު ވާހަކަ ދައްކަމުން، ބާސާގެ ކޯޗު ވަލްވާޑޭ ބުނީ އެއީ ސީރިއަސް އަނިޔާއެއްކަމަށް ނުދެކޭ ކަމަށާއި، މެސީއަށް ސްޕެނިޝް ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ އެލް-ކްލަސިކޯ މެޗުގައި ކުޅެވޭނެކަމަށް އުންމީދު ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް