އެމްއެންޑީއެފްގެ އިންޓަ ޔުނިޓު ފުޓުބޯޅަ މުބާރާތް ކުލަ ގަދަ ރަސްމިއްޔާތަކަށް ފަހު ފަށައިފި

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް 16 ވަނަ  ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ. މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް އެ...

03 Feb 2019 | 05:24

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް 16 ވަނަ  ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މިރަސްމިއްޔާތުގައި މުބާރާތުގެ ދެ ޑިވިޜަންގެ ތަށި ދަނޑަށް ގެނެސްފައިވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. ދެޑިވިޜަންގެ ތަށި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި މުބާރާތުގެ ތައްޓަކީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާޒްގެ ހުނަރުވެރި ސިފައިން ތައްޔާރުކޮށްފައިވާ ތައްޓެކެވެ. މިރަސްމިއްޔާތުގައި މުބާރާތަށް ތައްޔާރުކޮށްފައިވާ ތީމް ލަވައެއް އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުން ވަނީ ހުށަހަޅައިދީފައެވެ.

ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ އެއް ވަނަ ޑިވިޜަންގައި ފަސް ޓީމް ހިމެނިފައިވާއިރު ދެ ވަނަ ޑިވިޜަންގައި ހަތް  ޓީމް ހިމެނެއެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ރޭގައި ކުޅެވުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ސްޕެޝަލް ފޯސަސްގެ ޓީމާއި މާލޭ އޭރިއާގެ ޓީމެވެ.

ރޭގެ މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޢަބްދުއްރަޢޫފާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް