ރޭ އިރާކޮޅު ވަގުތެއްގައި ލޯންޗަކާއި ޑިންގީއެއް ޖެހި ކަނޑުމަތީގައި ހިނގި ހާދިސާއިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އެ ސަރަހައްދުގެ ރައްޔިތުން އަދިވެސް ކުރަމުން އެބަދެއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ބ. އޭދަފުށީ މުސްތަރީގޭ، އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ.
މިއަދު މީޑިއާތަކަށް އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހާ އަދި ނުފެންނަ ކަމަށާއި ކޯސްޓްގާޑުގެ ލޯންޗު ކަނޑުގެ ސާފޭސް ދަނީ ބަލަމުން ކަމަށެވެ. ޑައިވަރުންވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
"ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުން، އަޑިއަށްދިޔަ ޑިންގީވެސް އަދި ނުފެނޭ" އާޒިމް ވިދާޅުވިއެވެ.
ސާޗް އޮޕަރޭޝަން އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މީހާ ހޯދުމަށް ކޯސްޓްގާޑް ޝަހީދުއަލީވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށާއި ގިނަ އަދަދެއްގެ ޑައިވަރުންނާއެކު ޑައިވިން ރޮބަޓްވެސް ދަނީ ބޭނުން ކުރަމުން ކަމަށެވެ. ވައިގެ މަގުން، މީހާ ހޯދުމުގައި އެމްއެންޑީއެފް ހެލިކޮޕްޓަރުވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރޭގެ އެ ހާދިސާ ހިނގިއިރު ޑިންގީގައި ނަސްރުﷲގެ އިތުރުން އުމުރުން 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކުވެސް ހުރިކަމަށް އޭދަފުށީ ޓައިމްސް އިން ބުނެފއިވެއެވެ.
ޑިންގީއާއި ލޯންޗެއް ޖެހި އެކްސިޑެންޓް ހިނގާފައިވަނީ ބ. ދޮންފަނާއި ހަނިފަރާއި އެ ސަރަހައްދުގައެވެ. އޭރު ޑިންގީ އޮތީ އެ ސަރަހައްދުގައި މަސްވެރިކަމަށް މަޑުކޮށްގެން ކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް