ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެސް ސިޔާސީ ސަބަބަކާއި ހުރެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާއާއި މެދު ނުޙައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއެކު ދެން ޝަކުވާ ހުށަހެޅޭނީ މި ހިނގާ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާއާއި މެދު ނުޙައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން ދާތީ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާއާއި މެދު ނުޙައްގުން ފިޔަވަޅު އަޅާފައިވާކަމަށް 451 ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް މިހާރު އެކަމަށް ޚާއްސަ ކޮމިޓީއަކުން ބަލަމުންދާ ކަމަށެވެ.
މީގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާއާއި މެދު ނުޙައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ 3 ޑިސެމްބަރ 2018 އިން ފެށިގެން 2 ޖަނަވަރީ 2019 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް