ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.
އެ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި، ބުނެފައިވަނީ މިސްކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށާފައި ވާކަމަށެވެ. އެގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި. މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރަމުން ގެންދާކަމަށެވެ.
މީގެ އިތުރުން މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ކުރެހުންތައް ތައްޔާރު ކުރުމާއި، މަސައްކަތް ކުރިޔަށް ދާނެގޮތް ރޭވުމުގެ ކަންކަން މިހާރު ކުރިޔަށްދާކަމަށް ބުނެފައިވެ އެވެ. ކަޅުވަކަރު މިސްކިތް ދިރާގު އޮފީސް ހުރި ބިމުގައި ރާވަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރަސްރަނި ބަގީޗާގައި ހުރި ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރު ރޫޅާލާފައި ވާއިރު، ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއި ހިސާބަށްވެސް މިސްކިތުގެ ބައިތަށްވީ ކޮން ތަނެއްގައިކަން ހާމައެއް ނުކުރެ އެވެ. އެހެންވެ މި ސަރުކާރުން ވެރިކަމާއި ހަވާލުވިތާ 24 ގަޑި އިރު ނުވަނީސް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ކަޅުވަކަރު މިސްކިތުގެ ބައިތައް ފެނިފައިވާކަން ހާމަ ކުރައްވާފައި އެވެ.
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދިފައިވާ ކަމެއްކަމުން، މިކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަންބޭނުން ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި މަސައްކަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި، އީމެއިލް އެޑްރެސް 7947266 އަށް މެސެޖު ކުރެއްވުމަށް ނޫސްބަޔާނުގައި ވެއެވެ.
މި މިސްކިތް އަލުން ރާވާ ބެހެއްޓުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް