އަދީބް ގޭ ބަންދަށް ބަދަލުކުރުމަށް އަދީބުގެ ޕާާޓީން ގޮވާލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކުއްލި ގޮތަކަށް ޖަލަށް ބަދަލުކުރުމާއި ގުޅިގެން މޯލްޑިވްސް ތާޑްވޭ-ޑިމޮކްރަޓްސް (އެމްޓީޑީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްޓީޑީގެ އިންތިގާލީ ރައީސްގެ މަގާމުގައ...

03 Jan 2019 | 05:42

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކުއްލި ގޮތަކަށް ޖަލަށް ބަދަލުކުރުމާއި ގުޅިގެން މޯލްޑިވްސް ތާޑްވޭ-ޑިމޮކްރަޓްސް (އެމްޓީޑީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޓީޑީގެ އިންތިގާލީ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަދީބް ބުދަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ޖަލަށް ބަދަލުކުރުމާއި ގުޅިގެން، އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ގޭބަންދަން ބަދަލުކޮށްފައި ވަނިކޮށް، އެމަނިކުފާނު ޖަލަށް ބަދަލުކުރުމުން އެޕާޓިން ނުހަނު ކަންބޮޑުވާކަމަށެވެ. އަދީބް ގޭ ބަންދުގައި ހުންނެވިއިރު ފަރުވާގެ ކަންކަން ކުރިއަށް ގެންދަވާފައިވަނީ ހޯމް މިނިސްޓްރީއާއި ކަރެކްޝަންސް އަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލެއްވުންވެސް ދެއްވައިގެން ކަމަށްވެސް އެނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި،ދޭއް ޖެނުއަރީގައި ހޯމް މިނިސްޓްރީން ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ޑޮކްޓަރު ލަފާދެއްވާ މުއްދަތެއް ވަންދެން ގޭބަނދުގައި އަދީބް ބަހައްޓަވައިގެން ސިއްހީ ފަރުވާ ދެވޭނެ ފުރުސަތު ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިންތާ މާގިނައިރު ތަކެއް ނުވެ އަދީބް ޖަލަށް ބަދަލުކުރެއްވުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައިވެއެވެ.

އަދީބްގެ ސިއްހީ މައްސަލަ ސިޔާސީ ނުކޮށް، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިހިނދުން މިހިނދަށް އަދީބްގެ ޑޮކްޓްރުގެ ލަފަޔާއި އެކީ ގޭގައި ބަހައްޓައިގެން ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމެއް ގާއިމުކޮށްދިނުމަށް އެމްޓީޑީން ވަނީ ގޮވަލާފައެވެ. ހަމައެއާއެކު، އިންސާފު ގާއިމުކޮށް، އިންސާނީ ހައްގުތައް ކަަށަވަރު ކޮށްދިނުމުގެ ގޮތުން އަދީބަށް ގޭގައި ސިއްހީ ފަރުވާކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދިނުމަށްވެސް ގޮވާލާކަމަށް އެޕާޓީން ބުނެފަވެއެވެ.

އެޕާޓީން ނޫސް ބަޔާން ނިންމާލަމުން ބުނެފައިވާ ގޮތުގައި، ބޭސްފަރުވާގެ ކަަންކަން ކަށަވަރުކޮށް، އަދީބް ގެޔަށް ބަދަލުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޕާޓީން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް