ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދިޔައީ އިތުރަށް އެމަނިކުފާނު ގޭ ބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައި ނުވާތީ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުއްލި ގޮތަކަށް ރޭ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން އަދީބު އަނބުރާ ޖަލަށް ގެންދެވީ 10:50 ހާއިރު އެވެ. އެކަމާ ހިތް ހަމަ ނުޖެހިގެން އަދީބުގެ ޕާޓީ މޯލްޑިވިއަން ތާޑްވޭ ޑިމޮކްރޭޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ އެމަނިކުފާނު އަނބުރާ ގެންދެވި އިރު ސިއްހީ ހާލުކޮޅު ރަނގަޅު ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދީބުގެ އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ލަފާދެއްވާފައިވަނީ ހޯމްލީ އެންވަޔަރަމަންޓް (ގޭތެރޭ މާހައުލެއްގައި" ބަހައްޓާލުމަށެވެ. އެ މުއްދަތު ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޑޮސެމްބަރު މަހުގެ 24 ވަނަ ދުވަހަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން މުއްދަތު އިތުރު ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައި ނުވާ ކަމަށާއި ޖަލުގައި ހުންނެވި ނަމަވެސް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ އަސާސީ އަދި އިންސާނީ ހައްގު މިސަރުކާރުން ގާނޫނާއި ހިލާފަށް ނުހިފަހައްޓާނެ ކަމަށެވެ.
https://twitter.com/ShimranAb/status/1080655497483538433
އަދީބު އަނބުރާ ޖަލަށް ގެންގޮސްފައި މިވަނީ ގޭ ބަންދަށް ބަދަލު ކުރުމުން ސިޔާސީ މަސައްކަތްތައް ފައްޓަވާފައިވަނިކޮށެވެ. އެގޮތުން އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް އާއި ގުޅިވަޑައިގެން އެ ޕަޓީގެ ރައީސް ކަމަށް އަދީބު ވަނީ އައްޔަންކޮށްފައި އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދާ ނުކުރެވޭނެ ކަމަށް ބުނެފައި އެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ 33 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް