ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު، ބ. ތުޅާދޫ ބަލިކޮށް، ތ. ތިމަރަފުށިން ދެ ވަނަ ބުުރުގެ ޖާގައެއް ހޯދައިފި އެވެ.
މި މެޗު ތިމަރަފުށިން ކާމިޔާބު ކުރީ2-4 ގެ ނަތީޖާއިންނެވެ.
މި މެޗާ އެކު، ގްރޫޕް ބީގެ މެޗުތައް ކުޅެ ނިމުނުއިރު، މި ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ބ. އޭދަފުށްޓެވެ. ދެ ވަނަ ހޯދި މާލެ ސިޓީ އަށް ވަނީ ތިން މެޗުން ހަަ ޕޮއިންޓް ހޯދައިފަ އެވެ.
މިއަދުގެ މެޗަށް ތުޅާދޫ އާއި ތިމަރަފުށި ނުކުތްއިރު ފުރަތަމަ ދެ މެޗުން ދެ ޓީމު ވެސް ބަލިވެފައި އޮތުމުން މޮޅުވި ޓީމަކަށް ދެ ވަނަ ބުރުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ތިމަރަފުށި މޮޅުވެ، ތިން ވަނަ ހޯދީ ތިން މެޗުން ތިން ޕޮއިންޓާ އެކުގަ އެވެ. ޕޮއިންޓެއް ނުލިބި، ގުރޫޕުގެ ފުލަށް ދިޔަ، ތުޅާދޫ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި ތިމަރަފުށިން ލީޑުނެގީ އަބްދުﷲ ޒިޔާން ޖެހި ގޯލުންނެވެ. ޒިޔާން އޭރިއާތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
އެއްލަނޑުގެ ލީޑަކާއި އެކު އޮވެ މެވޗުގެ ފުރަތަމަ ހާފު ތިމަރަފުށިން ނިންމާލިއިރު، ދެ ވަނަ ހާފުގައި، ތިމަރަަފުށިން ކުރިއަށް ޖެހިގެން ކުޅެ، މެޗުގެ 61 ވަނަ މިނިޓްގައި، އިބްރާހިމް ސިނާހު (ސިނާ) ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ސިނާ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ހަ މިނިޓް ފަހުން، ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އާދަންނާ އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ތިމަރަފުށިން ތިން ވަނަ ގޯލެއް ޖެހިތާ ދެ މިނިޓް ފަހުން، ތުޅާދޫ ޓީމުގެ އަހުމަދު ރަޝީދު (އަންމަޑޭ) ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަންމަޑޭ ވަނީ އޭރިއާތެރެއަށް އައި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން، ތުޅާދޫން ވަނީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެެވެ. މިއީ، ކޯނަރެއްގައި ތިމަރަފުށީގެ ޑިފެންޑަރު، އަނޫފް އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިތުރު ވަގުތުގައި ތިމަރަފުށީގެ ފަހު ގޯލު ޖެހީ އަހުމަދު އަފްލާޒް އެވެ. އަފްލާޒް ވަނީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ފަސް ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް