އާބަން ޑިވެލޮޕްމަންޓްގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރީ މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ.
މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމަށްޓަކައި، އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅު އެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އާބަން ޑިވެލޮޕްމަންޓްގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީ އަށެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ކަނޑައަޅާ އާބަން ސަރަހައްދުތަކުގެ އާބަން އޭރިއާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީ ކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މި އޮތޯރިޓީ ހިނގަމުންދާނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އާބަން ޑިވެލޮޕްމަންޓްގެ ބިލް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަ މަސްދުވަސް ފުރިހަމަވާ ތާރީޚުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް