ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގުމަށް އިމާރާތެއް ހޯދުމަށް މޯލްޑިވްސް މީޑިއާ ހައުސްއާއެކު ހެދި އެއްބަސްވުން އުވާލުމަށް ނިންމާފައިވާކަމުގައި އެންސްޕާއިން ބުނެފިއެވެ.
މިއަދު އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލީ ވުޒާރާގެ އޯޕަން ޓެންޑާ ހުޅުވައިގެން ތަނެއް ހޯދަން އުޅުނީ އެ އެޖެންސީ ހިންގަމުންދާ "މޫކައި ސުއިޓްސް" އިމާރާތް މަރާމާތުކުރުމަށް ހުސްކުރުމަށް އަންގާފައިވާތީ ކަމަށާއި މޯލްޑިވްސް މީޑިޔާ ހައުސް އިން ކުއްޔަށް ހިފުމުގެ މަސައްކަތްތައް ކުރެވުނީ އެގޮތުގެ މަތިންކަމަށް ބުނެފައިވެއެވެ.
"މި މުއާމަލާތާއި ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލާ ބަދުނާމުކުރުމަށް ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް، މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދިއުމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީގޮތުންނާއި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމާއި ކުރިމަތިވެފައިވާތީވެ، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ" އެންސްޕާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެހެންކަމުން އެކަމާއި ގުޅޭގޮތުން މާލީ ވުޒާރާއާއި މަޝްވަރާކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެންސްޕާއިން މިހާރު ނިންމާފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާކަމުގައިވެސް އެންސްޕާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް