ޕީޕީއެމް އުވާލަން ނިންމައިފި

ދިވެހިރާއްޖޭގައި 2013 އިން 2018 އަށް ވެރިކަންކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފިއެވެ. ޕީޕީއެމް އުވާލަން ނިންމީ މިއަދު ޕީއެންސީގެ އޮފީހުގައި ...

02 Dec 2024 | 12:18

ދިވެހިރާއްޖޭގައި 2013 އިން 2018 އަށް ވެރިކަންކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފިއެވެ.

ޕީޕީއެމް އުވާލަން ނިންމީ މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ސެނެޓުން އޮކްޓޫބަރު 17 ގައި ވެސް ކުއްލި ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައިވަނީ ޕާޓީ އުވާލަން ފަސޭހަކުރަން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން:

  • ޕާޓީ އުވާލެވޭނީ ސެނެޓުގައި 4/3 ސެނެޓަރުންގެ ވޯޓުން ކަމަށް އޮންނަ މާއްދާ 3/2 ސެނެޓަރުންގެ ވޯޓުން ކަމަށް ބަދަލުކުރުން
  • ކުރިން އޮންނަނީ މާލީ ސަބަބުތަކަށްޓަކައި އުވާލަން ހުށަހެޅޭ ގޮތަށް. އެކަމަކު، ލީޑާޝިޕަށް ފެނިއްޖެ ނަމަ ހުށަހެޅޭ ގޮތަށް އެ މާއްދާ ވެސް ބަދަލުކުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމުން މި ފަހުން 7،400 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވެ އެވެ.

މިހާރު ޕީޕީއެމް އޮތީ ކުރިން އެ ޕާޓީގެ ހިޔަންޏެއްގެ ގޮތުގައި އޮތް ޕީއެންސީގެ ހިޔަންޏެއްގެ ގޮތުގަ އެވެ. އެގޮތުން ޕީއެންސީ ވެރިކަމަށް އައުމާ އެކީ ޕީއެމްއެމްގެ އަޑު އޮތީ އެއްކޮށް ކެނޑިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓްގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ އެކީ ޕީއެންސީ ވަރުގަދަ ކުރަން ފެށި މަސައްކަތުން އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 82،000 އަށް ވުރެ ގިނަ ކަމަށް ޕީއެންސީން ބުނެ އެވެ. ޕީއެންސީން މިހާރު އަމާޒު ހިފާފައި އޮތީ ރާއްޖޭގައި 100،000 މެމްބަރުން ހަމަވާ ފުރަތަމަ ޕާޓީއަކަށް އެ ޕާޓީ ހެދުމެވެ.

ޕީޕީއެމް ރަސްމީކޮށް ރަޖިސްޓްރީކުރީ އޮކްޓޫބަރު 27، 2011 ގައެވެ. އެ ޕާޓީއަކީ އެންމެ ކުރު މުއްދަތެއްގައި ވެރިކަމަށް އައި އެއް ޕާޓީއެވެ. މި އަހަރުގެ ސެޕްޓެމްބަރު 19 އާ ހަމައަށް ވެސް އެ ޕާޓީގައި 34،694 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވެބްސައިޓުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް