ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "ލީން ސްޓާޓްއަޕް މޯލްޑިވްސް" ވޯކްޝޮޕް މި މަނު ބާއްވަން ނިންމައިފި އެވެ.
މިއީ ވިޔަފާރީގެ ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް އެހީތެރިވުމަށްޓަކައި ދިރާގާއި ސްޕާކްހަބް ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 17 އިން 19 އަށް ސޯލްޓް ކެފޭގަ އެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.
ވިޔަފާރިއެއް ފަށާނެ ގޮތާއި ޒަމާނީ ދިރާސާތަކަށް ބިނާކޮށް ވިޔަފާރިއެއް ހިންގާނެ ގޮތްތައް މި ވޯކްޝޮޕްގައި ކިޔައިދޭ އިރު، މި ވޯކްޝޮޕް ކުރިއަށް ގެންދާނި ދެ ދުވަހުގެ މުއްދަތަށެވެ.
މީގެ އިތުރުން އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރިއާ މެދު ވިސްނައި، އެ ވިޔަފާރި ފެށުމަށް ތައްޔާރުވާނެ ގޮތް ވެސް ކިޔައިދޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ކަސްޓަމަރުން ދެނެގަނެ ކަސްޓަމަރުންނާ ވިޔަފާރިއާ ދެމެދު ގުޅުން ގާއިމްކުރާނެ ގޮތްތައް ވެސް ކިޔައިދޭނެ ކަމަށް ބުންޏެވެ.
ހަމަމިއާއެކު ވިޔަފާރި ފެށުމުގެ ކުރިން އެކި ޚިޔާލުތައް ޓެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ވެސް ނިންމާފައި ވެއެވެ.
މި ވޯކްޝޮޕްގެ ސަބަބުން ހުނަރުވެރި ޒުވާން ވިޔަފާރިވެރިންނާއި ޑިވެލޮޕަރުންނަށް ރަނގަޅު ހުނަރުތަކާއި އިލްމު ލިބި، އެ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލްކަން ލިބިގެންދާނެ ކަމަށް ދިރާގާއި ސްޕާކްހަބުން ބުންޏެވެ.
މިއީ "ލީން ސްޓާޓްއަޕް މޯލްޑިވްސް"ގެ ނަމުގައި ދިރާގާއި ސްޕާކްހަބުން މި ވޯކްޝޮޕް ކުރިއަށްގެންދާ ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް