މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން ހއ. މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙުކޮށް ދެއްވާފައިވަނީ، މުރައިދޫގައި މިއަދު ބޭއްވި...

02 Dec 2021 | 17:59

އެމް.ޑަބްލިޔު.އެސް.ސީ އިން ހއ. މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙުކޮށް ދެއްވާފައިވަނީ، މުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާޢު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި, ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް އަދި މުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ސިނާން އެވެ.

މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މުރައިދޫއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ %44 މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ދަށުން މުރައިދޫގައި 9.1 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 46.85 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް