ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސްއިން އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިފަހަރުގެ ސީޒަނުގައި ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދީފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރަށް ޔުނައިޓެޑް ގެންގޮސް ދިނުމުގައި ރޮނާލްޑޯގެ ދައުރު ބޮޑެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ޔުނައިޓެޑް ކުޅުނު ހުރިހާ މެޗެއްގައިވެސް ލަނޑު ޖަހާފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ފަސް މެޗުގައި ހަ ލަނޑު އޭނާ ޖަހާފައިވެއެވެ.
އެހެން ނަމަވެސް ޕްރިމިއާ ލީގުގައި ކުޅޭ މެޗުތަކުގައި އިދިކޮޅު ޓީމަށް ޕްރެޝަރ ނުދޭ ކަމަށް ބުނެ ރޮނާލްޑޯއަށް އަންނަނީ ގިނަ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ހާއްސަކޮށް ބޮޑެތި ޓީމުތަކާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ރޮނާލްޑޯގެ ފަރާތުން ފެންނަ ކުޅުމަށް ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑާއި އަލަށް ހަވާލުވި ވަގުތީ ކޯޗު ރަންގްނިކް ގެ ޕްލޭނުގައި ރޮނާލަޑޯއަށް ފުރުސަތު ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެގޮތުން ރަންގްނިކް ގެ ހަޤީޤީ ފިލޮސަފީއަކީ އެޓޭކިން ފުޓްބޯޅަ އެއް ކުޅުން ކަމަށް ވާއިރު، ރޮނާލްޑޯ ގެ ފަރާތުން ރަންގްނިކް ބޭނުންވާ ކުޅުން ނުފެންނަ ނަމަ މައްސަތައް ކުރިމަތިވާނެއެވެ. އަދި ރަންގްނިކް ބޭނުންވާ ސްޓައިލްގެ ކުޅުމެއް ރޮނާލްޑޯގެ ފަރާތުން ފެނިގެން ނުދާނަމަ ލިބޭ ފުރުސަތުތައް މަދުވުމަކީ އެކަށީގެންވާކަމެކެވެ.
ރިޕޯޓުތައް ބުނާގޮތުން ރަންގްނިކްގެ ޕްލޭނަށް ފިޓްވާން ބޭނުންނަމަ ރޮނާލްޑޯގެ ފަރާތުން މިހާރު ފެންނަ ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ފެންނަން ޖެހެއެވެ. ރުޕޯޓުތައް ބުނާ ގޮތުން ރަންގްނިކް ވަނީ މިހާރު މިކަން ރޮނާލްޑޯއަށް އަންގާފައެވެ.
ޔުނައިޓެޑްގެ ފޯމް ދައްވެ ކުރިން އެޓީމުގެ ކޯޗު ކަމުގައި ހުރި އޮލިގަނަ ސޮލްޝެއަރ މަގާމުން ވަކިކުރުމަށް ފަހު ރަންގްނިކް ކޯޗުކަމަށް ގެނައީ ޔުނައިޓެޑް މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެނައުމަށެވެ. އެހެން ކަމުން މި ސީޒަނުގައިވެސް ކުރިޔަށް އޮތް ތަނުގައި ޔުނައިޓެޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑް 13 މެޗު ކުޅެފައިވާއިރު އެޓީމަށް މޮޅު ވެވިފައިވަނީ އެންމެ ފަސް މެޗުން ނެވެ. ފަސް މެޗުން ބަލިވެފައިވާއިރު، ތިން މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމު މިވަގުތު އޮތީ 18 ޕޮއިންޓާއި އެކު ތާވަލުގެ 10 ވަނަގާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް