"ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" މުބާރާތުގެ ކުރެހުންތައް ބަލައިލުމަށް ޚާއްސަ އެގްޒެބިޝަނެއް

"ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" މުބާރާތުގެ ކުރެހުންތައް ބަލައިލުމަށް ޚާއްސަ އެގްޒެބިޝަނެއް އިފްތިތާހު ކޮށްފި އެވެ. މިއީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރ...

02 Dec 2021 | 17:15

"ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" މުބާރާތުގެ ކުރެހުންތައް ބަލައިލުމަށް ޚާއްސަ އެގްޒެބިޝަނެއް އިފްތިތާހު ކޮށްފި އެވެ.

މިއީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން، އެމްއެމްޕީއާރުސީން މިދިޔަ ޖުލައި 15 އިން އޮގަސްޓު 15 އަށް ބޭއްވި މުބާރާތުގެ ކުރެހުންތަކެވެ.

މުސްތަގުބަލުގައި ފަންނާނުންގެ އާޓްވޯކްތައް ސެންޓްރަލް ޕާކުގައި އާންމުކޮށް ފެންނަ ގޮތަށް ބެހެއްޓުމަށް ފުރުސަތު ދިނުމަށް އެގްޒިބިޝަންގައި ބޭނުންކުރާ ސްޓޭންޑުތައް ވަނީ މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން އެޗްޑީސީއަށް ވަނީ ރަމްޒީ ޓޯކަނެއްގެ ގޮތުގައި ހަދިޔާކޮށްފަ އެވެ.

މި އެގްޒިބިޝަންގައި ބައިވެރިކޮށްފައިވާ ކުރެހުންތައް މިއަހަރު ނިމެންދެން ސެންޓްރަލް ޕާކުގައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ދިވެހި އާޓިސްޓް ކޮމިޓީއާ ގުޅިގެން އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތުގައި 110 ކުރެހުމެއް ބައިވެރިކޮށްފައިވާ އިރު، މި މުބާރާތުގެ ވަނަތައް އޮކްޓޯބަރ ގައި ވަނީ ހޮވާފަ އެވެ. އަދި ލޯކަލް ކެޓަގަރީ އާއި އިންޓަރނޭޝަނަލް ކެޓަގަރީން އެއްވަނަ އާއި ދެވަނަ ހޮވައި، އެ ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ލޯކަލް ކެޓަގަރީން އެެއްވަނަ އަހުމަދު އިހުސާން ހޯދި އިރު، އިންޓަރނޭޝަނަލް ކެޓަގަރީން އެއްވަނަ ހޯދީ އިންޑިއާގެ މަވާރު ވިޒީ ކަޑަރުކަރައިޕަންޑައި  އެވެ. މި ދެފަރާތަށް ވެސް 3،000 އެމެރިކާ ޑޮލަރު އިނާމެއްގެ ގޮތުގައި ވަނީ ދީފަ އެވެ.

ލޯކަލް ކެޓަގަރީން ދެވަނައަށް ދިޔަ އާމިނަތު ރޫބާ އަލީއާއި އިންޓަރނޭޝަނަލް ކެޓަގަރީން ދެވަނައަށް ދިޔަ ޕޮލެންޑުގެ ކެރޮލީނާ ޕައިސަށް ދީފައިވަނީ 2،000 އެމެރިކާ ޑޮލަރެވެ.

މި ކުރެހުންތައް ދައްކާލުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކުރެހުމުގެ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފަ އެވެ.

މި އެގްޒިބިޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދާއި ދެ ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް