އައްްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނާ އައިލެންޑް އޭވިއޭޝަންގެ އެމްޑީ ބައްދަލުކުރައްވައިފި

އައްްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ބައްދަލުކުރައްވައިފި އެވެ. ދުވަސްއެމްވީ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮ...

02 Dec 2021 | 16:53

އައްްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ބައްދަލުކުރައްވައިފި އެވެ.

ދުވަސްއެމްވީ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މި ބައްދަލުވުމަކީ ސީދާ އެމްޑިގެ އިސްނެންގެވުމަކަށް ބޭއްވި މީޓިންގ އެއްކަމަށެވެ.

މި މީޓިންގ ގައި މައިގަނޑުގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ފްލައިންގ ސްކޫލުގެ ކިޔެވުން ފަށާއިރު، ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ފްލައިންގ އެކަޑަމީގެ މައުލޫމާތު ވެސް ދަރިވަރުންނަށް ހިއްސާކުރި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިއަދުގެ މީޓިންގ ބޭއްވީ ސީދާ އެމްޑީގެ އިސްނެންގެވުމަކަށް. މިއަދުވާނީ ސްކޫލުުގެ އަޕްޑޭޓާ ކިޔެވުން ކުރިއަށްދާނެ ގޮތް އެކުދިންނަށް ކިޔައިދީފަ. އަދި އެކުދިންގެ ހުރި ކަންބޮޑުވުންތަކަށް ކަމާއިގުޅުން ހުރި ފަރާތްތަކުން ވަނީ ޖަވާބުދީފަ." މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ މިއަދުގެ މީޓިންގ ގައި މާލޭގައި ތިބި ވަރަށް ގިނަ ކުދިން ބައިވެރިވި ކަމަށާއި މާލޭގައި ނެތް ކުދިން އޮންލައިންކޮށް ބައިވެރިވި ކަމަށެވެ.

https://twitter.com/MaldivianAero/status/1466376701823184899

އައްޑޫގައި ފްލައިން ސްކޫލް ހިންގަން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން ސޮއިކޮށްފައިވަނީ 14 އޮކްޓޯބަރ 2021 ގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެއް އުފައްދާ އިރު، އެމްއޯޔޫގައިވާ ގޮތުގައި ފްލައިންގ ސްކޫލު އުފައްދައި ހިންގާނީ އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގަ އެވެ.

ސަރުކާރުގެ ފްލައިންގ ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަލަށް ހަދާ ފްލައިންގ ސްކޫލުގައި ކިޔެވުމުގެ ފުރުސަތު ފުރަތަމަ ދިނުމަށް ނިންމާފައިވަނީ އޭއޭއޭގައި ކިޔަވަން ފަށައި ކޯސް ނުނިންމި ތިބި ކުދިންނަށެވެ.

އާ ފްލައިންގ ސްކޫލު ހިންގަން ނިންމާފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް