ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ، ޤުރުއާނުގެ ޢިލްމާ ބެހޭ ކޯސްތައް ޢިލްމު އިންސްޓިޓިއުޓް މެދުވެރިކޮށް ހިންގުމަށް އެއްބަސްވުމަކަށް

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ، ޤުރުއާނުގެ ޢިލްމާ ބެހޭ ކޯސްތައް ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން...

02 Dec 2021 | 16:52

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ، ޤުރުއާނުގެ ޢިލްމާ ބެހޭ ކޯސްތައް ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޤިރާތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ޤިރާއަތު ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ޤުރުއާނާ ބެހޭ މަރުކަޒާ އެފިލިއޭޓްވެގެން އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ކޯސްތައް ހިންގާނެއެވެ. އިލްމު އިންސްޓިޓިއުޓްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރުމެވެ.

މި އެއްބަސްވުމުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚު އިލްޔާސް ޖަމާލެވެ. އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އިލްމުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަލީ އަޙުސަނެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ޖެނުއަރީ މަހު ކޯސްތައް ފެށިގެންދާނެއެވެ.

ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ދާދިފަހުން ވަނީ ރާއްޖޭގައި 100 ހާފިޒުންގެ ބޮޑު މަޝްރޫޢެއް އިއުލާންކޮށްފައެވެ. އެމަޝްރޫޢުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެއެވެ. 500 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ފަށާ މިމަޝްރޫޢަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެ އިންސްޓިޓިއުޓް  މިފަދަ އެތައް ޕްރޮގްރާމެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް