ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 22 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޔޫތް މިނިސްޓްރީން މިފްކޯއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.
އެގޮތުން މިފްކޯގެ ތަމްރީންތަކުގައި ބައިވެރިވާ ފަރާތްތަކުން 6 މަސް ދުވަސް ހޭދަކުރަން ޖެހޭނެ އެވެ. އަދި ކޮންމެ މަހަކު 3000 ރުފިޔާގެ އެލެވެންސެން ލިބޭނެ ކަމުގައި އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިފްކޯއިން 6 ދާއިރާއަކުން ޒުވާނުން ތަމްރީނު ކުރާނެއެވެ. އެ ދާއިރާ ތަަކަކީ، މެރިން މެކޭނިކް ވެލްޑިން ޓެކްނިކްސް، އޮޓޮމޯޓިވް މެއިންޓެނަންސް، ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން މެކޭނިކް އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް އެވެ.
މީގެ އިތުރުން އެ ކުންފުނިން ކުރިއަށް ގެންދާ މި ތަމްރީން ތައް ފުރިހަމަ ކުރާ ފަރާތްތަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ލިބޭނެއެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް