ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޑަބްލިއުއެސްސީންނެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއް...

02 Dec 2021 | 13:46

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޑަބްލިއުއެސްސީންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙު ކޮށްދެއްވާފައިވަނީ، ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހިމް ޝަރީފް އާއި، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު ޝިފާޢު އާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް އަދި ތަކަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ނަޢީމް އެވެ.

މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ތަކަންދޫ އަށް ފޮނުވައި، ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވެއެވެ.

މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %46 މަސައްކަތް ވަނީ ނިމިފައި ކަމުގައި އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އެމް.ޑަބްލިޔު.އެސްސީ އިން ވިދާޅުވީ، މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނޭ ކަމުގައެވެ.

މި މަޝްރޫޢުގެ ދަށުން،ގޭގޭ ގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ،  ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ އެވެ.

މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.04 ކިލޯމީޓަރގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓްފޯލް ޤާއިމްކުރުން ހިމެނޭ ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 76.75 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް