މާލެ ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި

މާލެ ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ މިއަދު އިފްތިތާހް ކޮށް ދެއްވައިފި އެވެ. މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވ...

02 Dec 2021 | 13:41

މާލެ ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ މިއަދު އިފްތިތާހް ކޮށް ދެއްވައިފި އެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ ފުންނާބު އުސް ޢިލްމުވެރިންނާއި ޤާރީންނެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ، އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަނދާންއާކޮށްލަދީ އެ ބޭފުޅުންނަށް ކުރެވޭ ކުށްތައް ބަޔާންކޮށްދީ އެކަންކަން ރަނގަޅު ކޮށް ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

ހަމައެހެންމެ މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައި ފާހަގަ ކުރައްވާ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްްސަދަކީ ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރާ ފަރާތްތަކަކީ، ދީނީ ކަންކަމުގައި އާންމު ރައްޔިތުންނާއި އެކު ފަރުޟު ފަސް ނަމާދު އިސްކުރައްވާ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތަކަށް އިތުރު ތަމްރީނު ދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާ ދާއިރާއެއްގައި، އެ ބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގު ފަހި ކުރުމެވެ.

މި ޕްރޮގްރާމުގައި 43 ޚަތީބުންނާއި، 43 އިމާމުނާއި 8 ޕޫލް އިމާމުންނާއި އެކު ޖުމްލަ 94 ބޭފުޅުން ބައިވެރިވެއެވެ. މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ތަޖުވީދު، ހުކުރު ޤަވާއިދާއި އުސޫލު، ސިވިލް ސާވިސްގެ ޤަވާއިދާއި އުސޫލު، މަސައްކަތުގެ އަޚްލާޤާއި، އެހެންމީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ހުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ފަދަ މަޢުލޫތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް