އޮމިކްރޯން ވޭރިއަންޓު: އެމެރިކާގެ ފުރަތަމަ ކޭސް - ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކެލިފޯނިއާ މީހެއްގެ ގައިން

އެމެރިކާގެ ކެލިފޯނިއާ އިން ކޮވިޑުގެ އައު ވޭރިއަންޓު އޮމިކްރޯން ގެ ފުރަތަމަ ކޭސް ފެނިއްޖެ އެވެ. ޚަބަރުތައް ބުނާގޮތުން މި ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ކެ...

02 Dec 2021 | 11:08

އެމެރިކާގެ ކެލިފޯނިއާ އިން ކޮވިޑުގެ އައު ވޭރިއަންޓު އޮމިކްރޯން ގެ ފުރަތަމަ ކޭސް ފެނިއްޖެ އެވެ.

ޚަބަރުތައް ބުނާގޮތުން މި ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ކެލިފޯނިއާގެ މީހެކެވެ. އަދި އެއީ ސައުތު އެފްރިކާއަށް ދަތުރު ކުރުމަށްފަހު އައި މީހެކެވެ.

އޭނާ އެނބުރި އެމެރިކާއަށް އައިސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށާއި ބައްޔަށް ޕޮޒިޓިވްވީ އެނބުރި އައިތާ ހަތްވަނަ ދުވަހު ކަމަށް ވެސް ނޫސްތަކުގައި ބުނެފައި ވެއެވެ.

ކަމާއިބެހޭ އިދާރާތަކުގެ މަޝްވަރާ އާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންދަވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް، ޚާއްސަކޮށް އޮމިކްރޯން ވޭރިއެންޓް ފެތުރުން ހުއްޓުވަން ސިޔާސަތުތައް ކަނޑައަޅުއްވަމުން ނެވެ.

އޭގެ ތެރޭގައި އަންނަ އަހަރުގެ މާރޗްމަހާއި ހަމައަށް ދަތުރުފަތުރު ކުރުމުގައި މާސްކް އެޅުން މަޖުބޫރު ކުރުމާއި ބޭރު ގައުމުތަކުން އެމެރިކާއަށް އަންނަ ދަތުރުވެރިން ޓެސްޓްކުރުން އިތުރަށް ހަރުކަށި ކުރުމުގެ އިންތިޒާމު ވެސް އަންނަނީ ހަމަޖައްސަވަމުން ނެވެ.

އޮމިކްރޮން ވޭރިއެންޓް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ދަތުރުފަތުރު ކުރުމަށް ހަރުކަށި ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުރަސްއެޅުމަކީ ބަލި ފެތުރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ޖަމިއްޔާއިން ލަފާ ދީފައިވަނީ ބަލިކޮށް އުޅޭ މީހުންނާއި ނާޒުކު ހާލަތުގައި ތިބޭ މީހުންނާއި އުމުރުން 60 އަހަރުންމަތީގެ މީހުންނާއި ވެކްސިން ނުޖަހައި ތިބި މީހުން މިދުވަސްވަރު ދަތުރުފަތުރު ކުރުން މަޑުޖައްސާލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް